އިމާރާތްކުރުމަށް އިތުރު އެހީއެއް



ސިމެންތި ބަސްތާ އަކުން އެޅޭނީ ކިތައް އެޅި ގާތޯ؟


ސިމެންތި ބަސްތާ އަކުން އެޅިދާނެ ގަލުގެ އަދަދު ހިސާބުކުރުމުގެ ކުރިން އަޅާ ގަލުގެ ވައްތަރާއި، ބޮޑުމިން ބަލަންޖެހެއެވެ. ފާރު ރޭނުމުގައި ބޭނުންކުރާ އެކި އެކި ބޮޑުމިނުގެ ގާ ދިވެހިރާއްޖޭގެ ބާޒާރުންވެސް ލިބެން ހުރެއެވެ. ތިރީގައި ވާ ކުރެހުމުގައި އެވަނީ އެފަދަ ގާތަކެއްގެ ނަމޫނާ ތަކެކެެވެ. ނަންބަރު 2 ގައިވާ ހޮއިއެޅިގަލަކީ އެންމެ ގިނައިން ބޭނުންކުރާ އެއްވައްތަރެވެ.

އެޅިގަލުގެ ބައެއް ވައްތަރުތައް

ހޮއިއެޅިގަލުގެ  6 އިންޗި ބޯމިނާއި، 6 އިންޗި ފުޅާމިނާއި، އަދި 1 ފޫޓު ދިގުމިން ( ކުރެހުމުގައި ދައްކާފައިވާ ނަންބަރު 2) ގެ އިތުރުން 4 އިންޗި އަދި 8 އިންޗި ފުޅާ ގާވެސް ލިބެން ހުރެއެވެ.

މިކަރުދާހުގައި ބަލާލަން ގަސްދުކުރަނީ ނަންބަރު 2 ގައިވާ އެޅިގަލަށެވެ. ގަލުގެ ފަށަލަ ތަކުގެ ބޯމިނުގައި ހުރިކަމަށް ބަލާނީ 1 އިންޗިއެވެ. އަދި އެންމެ ފުރަތަމަ ހޯދާނީ ރަނގަޅަށް އަޅާ ނިމި ހިކިފައިވާ ގަލެއްގެ ކޮޑިއެވެ. 

ހ. ގަލުގެ ކޮޑި

ގަލުގެ ކޮޑި ހޯދުމަށް ގާ ބަހާލާނީ 3 ބަޔަކަށެވެ. ގަލުގެ ތިރީބަޔާއި، ވަށައިގެންވާ ފަށަލައާއި މެދުގެ ހުރަހެވެ.

1. ގަލުގެ ތިރީބައިގައިވެސް ހުންނާނީ 1 އިންޗި ބޯމިން ކަމަށް ވާނަމަ ތިރީބައިގެ ކޮޑިއަކީ “6 × “12 × “1 އެވެ. އެއީ 72 ކޮޑި އިންޗިއެވެ.

2. ގަލުގެ ވަށައިގެންވާ ފަށަލައިގެ ކޮޑިއަކީ (“6+”6+”10+”10) × “5 × “1 އެވެ. އެއީ 160 ކޮޑި އިންޗިއެވެ. ހިސާބުކުރުމުގައި ދިގުމިނަށް 10 އިންޗި އައީ 12 އިންޗިން 2 އިންޗި ކެނޑުމުން ނެވެ. އެއީ ކޮޅު ދެ ބިތުގެ މުޅި ފުޅާމިނަށް 2 އިންޗި ނެގުމުން ބާކީ އޮތް 10 އިންޗިއެވެ. އަދި ތިރީފަށަލައިގެ ބޯމިން ކަނޑާލުމަށްފަހު އަންނަ 5 އިންޗި އާ ގުނަކުރީ އެވެ. 

3. މެދު ހުރަހުގެ ކޮޑި އަކީ “4 × “5 × “1 އެއީ 20 ކޮޑި އިންޗިއެވެ. 

އެހެންވީމާ ގަލެއްގެ ޖުމްލަ ކޮޑި އަކީ 252 ކޮޑި އިންޗިއެވެ. އެއީ 0.145 ކޮޑި ފޫޓެވެ. އަދި ކޮޑި މީޓަރަށް ބަދަލު ކޮށްފިނަމަ 0.00413 ކޮޑި މީޓަރެވެ.

ގަލުގެ ކޮޑި ލިބުމުން ދެން ކުރަންޖެހޭ ކަމަކީ ސިމެންތި އާ ވެއްޔާ އެއްކުރާނެ މިންވަރު ނިންމުމެވެ. ގާ އެޅުމުގައި 1/4 ، 1/5، 1/6 ނުވަތަ 1/7 އަދި އެއަށްވުރެ ސިމެންތި މަދުކޮށްވެސް  އެއްކުރެއެވެ. ސިމެންތި ގިނަވާ ވަރަކަށް ގަލުގެ ބާރު ގަދަވެއެވެ.

ށ. ސިމެންތިގަނޑު ގަށަން ފެން އެޅުމުގެ ކުރިން ހުންނަ ތަކެތީގެ ކޮޑިއާ ގަށާފައި ހުންނަ ސިމެންތިގަނޑުގެ ކޮޑީގެ ފަރަގު

ހިކި ކޮޑި = 1.33 ގުނަ ތެތް ކޮޑި

ގާ އެޅުމަށް އެކުރާ ތަކެތީގެ ހިކި ކޮޑިއާއި ގަށާފައި ހުންނަ ސިމެންތީގެ ތެތްކޮޑި އަޅުވާ ކިޔާއިރު ތެތް ކޮޑި މަދުވެއެވެ. މަދުވާ ނިސްބަތަކީ ގާތް ގަނޑަކަށް 1/3 އެވެ. އެހެންވީމާ މިސާލަކަށް 1 ކޮޑި މީޓަރުގެ ތެތް ސިމެންތިގަނޑެއް ހޯދުމަށް 1.33 ކޮޑީގެ ތަކެތި އެއްކުރަން ޖެހެވެ. އެއީ ސިމެންތިއާ ވެއްޔާ އެއްކޮށެވެ. ސިމެންތިއަކީ ކޮޑިމީޓަރަކަށް 1440 ކިލޯ ހުންނަ ހިކި ކުނޑި އެއްޗެކެވެ. އެހެންވީމާ 50 ކިލޯގެ ސިމެންތި ބަސްތާއެއްގައި ހުންނާނެ ކޮޑި ހޯދިދާނެއެވެ. އެއީ 50/1440 އެވެ. އެއީ 0.03472 ކޮޑި މީޓަރެވެ.

ގަލެއްގައި 0.00413 ކޮޑި ހުންނަ ނަމަ އެގާ އަޅަން ބޭނުންކުރި ވެއްޔާ ސިމެންތީގެ ކޮޑިއަށް ޖެހޭނީ 0.00413 ގުނަ 1.33 އެވެ. އެއީ 0.005719 ކޮޑިއެވެ. އޭގެތެރެއިން ސިމެންތީގެ ކޮޑި ވަކިިން ހޯދާނީ އެއްކުރި ރޭޝިއޯ ބޭނުން ކޮށްގެންނެވެ. 

ނ. ސިމެންތީގެ ކޮޑި

ސިމެންތި އެއްކުރީ 1/6 އަށް އެއީ 1 ސިމެންތި އާއި 6 ވެލި ކަމަށް ވަންޏާ  ހިކި ސިމެންތީގެ ކޮޑިއަކީ 1/7 ގުނަ 0.005719 އެވެ. އެއީ 0.000817 ކޮޑި މީޓަރެވެ. 7 އައީ 1 + 6 ސިމެންތީގެ ނިސްބަތާ ވެލީގެ ނިސްބަތް އެކުރުމުންނެވެ.  

ރ. ސިމެންތި ކޮތަޅަކުން އެޅޭނެ ގަލުގެ އަދަދު

ސިމެންތި ކޮތަޅެއްގެ ކޮޑިއަކީ 0.005719 ކޮޑިމީޓަރު ކަމަށް ވާނަމަ އަދި އަޅަން ބޭނުންވާ ގަލުގެ ކޮޑިއަކީ 0.000817 ކަމަށް ވާނަމަ ސިމެންތި ކޮތަޅަކުން އެޅޭނީ ސިމެންތި ކޮތަޅެއްގެ ކޮޑިން ގަލެއްގެ ކޮޑި ގެއްލުމުން ލިބޭ އަދަދެވެ. މިކަރުދާހުގައި ހެދި ހިސާބުން ދައްކާ ގޮތުން އެޅިދާނެ ގަލުގެ އަދަދަކަށް ޖެހެނީ 70 ގަލެވެ. އެހެން އައި ކަމުގައިވިޔަސް ގިނަ ފަހަރު ގާއެޅެނީ އެއަށްވުރެ މަދުންނެވެ. އެއީ ގެށުމުގަޔާއި އަދި ގާއެޅުމުގައި ބޭކާރުވާ ވެރި ބޭކާރުވާ ސިމެންތީގެ ސަބަބުންނެވެ. ސިމެންތިއާ ވެއްޔާ އެއްކުރާ ނިސްބަތް ބަދަލުކުރުމުން ލިބޭ ގަލުގެ އަދަދު ތަފާތު ވާނެއެވެ. ސިމެންތި ގެށުމަށް ފެން އެއްކުރާނީ ސިމެންތީގެ ކޮންމެ ކޮތަޅަކަށް 20 ކިލޯ ނުވަތަ 20 ލިޓަރު ފެނަށްވުރެ އިތުރު ނުކޮށެވެ. އަދި ގަށާ ސިމެންތީގެ ތެރެއަށް ބިންމަތީގައި ވެރިފައިހުންނަ ބޭކާރު ސިމެންތި އެޅުމަކީ ގަލުގެ ބާރު ދެރަވާ ކަމެކެވެ.   

 





17 ފެބުރުއަރީ 2021

05 މާޗް 2023

15 ފެބުރުއަރީ 2021

21 މެއި 2021

18 ފެބުރުއަރީ 2021

20 ފެބުރުއަރީ 2021

07 އޭޕްރީލް 2021

13 ފެބުރުއަރީ 2021