އިމާރާތައް އަރާބަރުތައް ރައްކާތެރިކަމާއެކު ބިމާހަމައަށް ގެންނަނީ އިމާރާތުގެ ފާރުތަކާއި، ތަނބުތަކުންނެވެ. ތަނބުތަކުގެ އެންމެތިރި ގުޅިފައި ހުންނަނީ އިމާރާތުގެ ބިންގަލާއެވެ. ބިންގަލަކީ ތަނބުތަކުން ގެނައިބާރު އިމާރާތް ނުނގަބާނެގޮތަށް ބިމަށް ފޯރުކޮށްދިނުމުގައި ބޭނުންކުރާ ވަސީލަތެވެ.
ކޮންމެ އިމާރާތެއްގައިވެސް އެ އިމާރާތަކާ އެކަށީގެންވާވަރުގެ ބިންގަލެއް އަޅަންޖެހެއެވެ. މި ލިޔުމާއި އަދި މިލިޔުމާއި ވިދިގެން ލިޔެވޭ އިތުރު ލިޔުންތައް މެދުވެރިކޮށް ބިންގަލުގެ 3 ވައްތަރެއްގެ މައުލޫމާތު ބަޔާންކޮށްދިނުމަށް ގަސްދުކުރަމެވެ. އެ ތިން ވައްތަރަކީ ސްޕްރެޑް ފުޓިންއާއި، ކޮމްބައިންޑް ފުޓިން އާއި ރާފްޓް ފުޓިން އެވެ.
ހ. ސްޕްރެޑް ފުޓިން، ނުވަތަ ބުޑުތައް ވަކިވަކިން ހުންނަ ބިންގާ
ށ. ކޮމްބައިންޑް ފުޓިން ނުވަތަ ބައެއް ބުޑުތައް ގުޅުވާފައި، ކޮންމެ ދެ ތަނބެއް ނުވަތަ ތިން ތަނބެއް އެެއްބުޑުގައި ހުންނަ ބިންގާ
ނ. ރާފްޓް ފުޓިން ނުވަތަ ހުރިހާ ބުޑުތަކެއް ކަނދުފައްޗެއްގެ ސިފައިގައި ގުޅުވާލާފައި، ހުރިހާ ތަނބެއްވެސް އެއްބުޑަކުންފަށާފައި ހުންނަ ބިންގާ
މަތީގައިވާ 3 ވައްތަރުގެ ބުޑުގެ ތެރެއިން ވަކިވަކި ބުޑުތައް ހުންނަ ގޮތަށް ހަދާ ބިންގަލާ ބެހޭގޮތުން ފުރަތަމަ ފަށާނަމެވެ.
ވަކިވަކި ބިންގާ އަޅާފައިހުންނައިރު ކޮންމެ ތަންބެއްގައިވެސް ހުންނާނީ ވަކި ބުޑެކެވެ. ބުޑުގެ ބޮޑުމިން ހިސާބުކުރަނީ އިމާރާތުގެ މަތީގައި ވާ ބަރުދަނުގެ ތެރެން އެ ތަނބުން ބިމާ ހަމައަށް އައި ބާރާއި، އެ ތަނބު ޖެހޭ ބިމުން ހިފެހެއްޓޭނެ ބާރު ބަލައިގެންނެވެ.
ދިވެހިރާއްޖޭގެ ރަށްރަށުގެ ބިން ވަކިވަރަކަށްކޮނެ ބިންގާ އަޅާއިރު ބިންގަލުގެ ކޮންމެ އަކަ މީޓަރަކުން 10 ޓަނާ 15 ޓަނާ ދެމެދުގެ ބާރެއް ހިފެހެއްޓިދާނެ ކަމަށް ބެލެވެއެވެ. އެއީ ބިމުގައި ޖައްސާ ކޮންމެ އަކަފޫޓަކުން 900 ކިލޯގްރާމާއި 1400 ކިލޯގްރާމާ ދެމެދުގެ ހިފެހެއްޓުމުގެ ބާރެކެވެ. އެހެން ގަބޫލުކުރިއަސް ފަސްގަނޑު މަޑުތަންތަނުގައި ބިމުން ހިފާބާރު ކުޑަވާނެއެވެ. ހާއްސަކޮށް ގޮނޑުދޮށާ ކައިރި ހިސާބާއި ޗަސްބިން އޮންނަ ސަހަރައްދުތަކުގެ ބިމުން ހިފާބާރު ކުޑަވާނެއެވެ. އެފަދަ ތަންތަނުގެ ބިމުގައި އަކަފޫޓަކުން 300 ކިލޯގްރާމުވެސް ނުހިފެހެއްޓޭ ތަންތަން ހުރެއެވެ. އެހެން ނަމަވެސް ފަސްގަނޑުހަރު ރަށުގެ އެންމެކުރީގެ ސަރަހައްދު ތަކުގައި ބިމުން ހިފޭބާރު ގަދަވެއެވެ. ބިމުގެ ދިރާސާ ކުރުމުން ބިމުގެ އެކި ހިސާބުގައި ހިފެހެއްޓުން ހުރިވަރު ދެނެގަނެ ވެއެވެ.
ކޮންމެ އަކަސް، ބިމުން ހިފޭބާރަކީ ކޮންމެ އަކަފޫޓަކުން 900 ކިލޯގްރާމް ކަމަށް ބަލައިފިނަމަ، މިސާލަކަށް އިމާރާތުގެ ތަނބުން ބިމާހަމަށް އަންނަ ބާރު ހިސާބުކޮށްގެން ހޯދި އިރު އަންނަނީ 7500 ކިލޯގްރާމް ކަމަށް ވެއްޖެނަމަ، އެ ތަނބުގައި ހަދަން ޖެހޭ ބުޑުގެ ބޮޑުމިން ހިސާބު ކުރެވިދާނެއެވެ. ބިމުގައި ޖެހޭނެކަމަށް ހިސާބުކުރި 7500 ކިލޯ ބިމުގެ ބާރުކަމަށް ބެލުނު 900 ކިލޯ އިން ގެއްލާލުމުން ލިބެނީ 8.3 އަކަފޫޓެވެ. އެހެންވީމާ އެ ތަނބުގެ ބުޑު 8.3 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެއެވެ. 8.3 ގެ ސްކެއަރ ރޫޓު ހޯދުމުން ލިބެނީ 2 ފޫޓު 10 އިންޗިއެވެ. އެހެންވީމާ އެ ތަނބު ބުޑު ހަތަރެސްކަން ހަމައަށް ހަދާނަމަ އެ ބުޑުގެ ފުޅާމިނާއި ދިގުމުގެ ކޮންމެ މިނެއްގައިވެސް 2 ފޫޓު 10 އިންޗި ހުންނަންޖެހޭނެ އެވެ.
ބޯމިން ހިސާބު ކުރާނީ ތަންބަށް އަރާބާރު ބުޑުގައި ޖެހުމުން ބުޑު ލެނބިގެންދާ މިންވަރާއި އަދި އިރައިގެން ހިގައިދާނޭ މިންވަރު ދެނެގަތުމަށްފަހު އެއަށް ދަގަނޑު ލައްވާވަރުވެސް ހިސާބު ކުރެވިގެންނެވެ.
މަތީގައި އެވަނީ ބުޑެއްގެ ސެކްޝަނެކެވެ ނުވަތަ ކޮންކްރީޓު ބުޑުގެ ދަގަނޑު ތަކާއެކު ކަފާލުމުން ފެންނާނެ މަންޒަރެކެވެ. އެއްވެސް ބާރެއް ނާރައި ހުންނައިރު ހުންނާނެގޮތެކެވެ. ބުޑަށް ދަގަނޑު ލައްވާފައި ވަނީ ހަމައެކަނި ތިރިއަށެވެ. އެއީ ބުޑު ލެނބިގެން ހަލާކުވެގެން ދާއިރު ލެނބިގެން ނުވަތަ ގޮނިވެގެން ދާނެގޮތް ގޮތްބަލާފައެވެ. ތިރީގައި އެވާ ކުރެހުމުން އެފެންނަނީ ބާރު އަރާފައިވާ ބުޑެކެވެ. ބުޑަށް އަރާފައި ހުންނަ ބާރު ކޮންމެވެސް ވަރަކަށް ދޭހަވާނެ ގޮތަށް ތީރު ތަކަކުން ފާހަގަ ކޮށްފައި އެވަނީއެވެ. ތިރިން މައްޗަށް ހުރި ކުދި ތީރުތަކަކީ ބިމުން ކޮއްޕާ ބާރު ދޭހަވާގޮތަށް ދައްކާފައި ހުރި އެއްޗެކެވެ. މަތިން ތިރިއަށް ހުރި ބޮޑު ތީރުން ދައްކައިދެނީ ތަނބުން ގެނައިބާރު ބިންގަލުގައި ޖެހޭނެ ގޮތެވެ.
ބުޑަށް ބާރުއަރައިގެން ދާއިރު ބުޑު ލެނބޭނެއެވެ. ކުރެހުމުގައި ބުޑު ލެނބިގެން ގޮސްފައިވާވަރު ދައްކާފައިވަނީ ބޮޑުކޮށެވެ. ރަނގަޅަށް ފަރުމާކުރެވިފައި ހުންނަ ބުޑުތައް ލެނބޭނީ ކުޑަކޮށެވެ. އަދި ބުޑު ލެނބިގެން ގޮނިވެގެން ދާއިރު، އެއަށް ލައްވާފައި ހުންނަ ދަގަނޑުތަކަށް ވާންވެގެން ދެއެވެ. ވަކިވަކި ބުޑުގެ ދަގަނޑު ތިރިއަށް ލައްވަނީ ބުޑުގެ ލެބުން ކުޑަކޮށް ކޮންކްރީޓުގައި ރެނދުއެޅިޔަ ނުދިނުމަށާއި ބުޑުގެ ބާރު ގަދަ ކުރުމަށެވެ. ބުޑު އިރައިގެން ދިޔަނުދިނުމަށް ހަދާ އެންމެ ފަސޭހަގޮތަކީ ބުޑުގެ ބޯމިން އިތުރުކުރުމެވެ.
އިމާރާތުގެ އުސްމިން އެހާ އުސް ނޫންނަމަ އެންމެ ރަނގަޅީ ވަކިވަކި ބުޑު ހެދުމެވެ. ވަކިވަކި ބުޑުތަކުން ބިމަށްކުރާ ބާރުބަލައި އެބުޑުތައް ގަނބައިގެން ދާމިންވަރު ވަކިވަކިން ބަލަން ޖެހެއެވެ. އަދި އެ ގެނބުމުގެ ފަރަގު ކުޑަކުރަން ޖެހެއެވެ. އެފަދަ ފަރަގުތައް ބޮޑުވާނަމަ ނުވަތަ ތަނބު ހުންނަ ހިސާބުގައި ރަނގަޅަށް ވަކި ބުޑެއް އަޅާނެ ޖާގެނެތްނަމަ ދެންޖެހޭނީ ބުޑުތައް އެއްކޮށްގެން ކޮމްބައިންޑް ފުޓިން ހަދާށެވެ.