އެލުމީނިއަމް ދޮރުގައި އާންމުގޮތެއްގައި ބޭނުންކޮށްފައި ހުންނަނީ ފްލޯޓް ގްލާސް ނަމުގައި ތައްޔާރު ކޮށްފައި ހުންނަ އާދައިގެ ބިއްލުރިއެވެ. އެ ބިއްލޫރި ތަޅައިގެން ދާނީ ބޮޑަތި އެތިގަނޑު ގަނޑަށެވެ. ފްލޯޓް ގްލާސް ވަކި މިންވަރެއްގެ ހޫނުކަމުގައި ބަހައްޓައިގެން ބިއްލޫރީވަރުގަދަކުރެއެވެ. އެކަމަށް ކިއަނީ ޓެމްޕަރ ކުރުމެވެ. އެގޮތުން ޓެމްބަރ ބިއްލޫރި ނުވަތަ ޓެމްޕަރ ގްލާސް ޖަހާފައި ހުންނަ ދޮރުގައި ނުވަތަ ކުޑަދޮރުގައި ހުންނަ ބިއްލޫރިގަނޑު ތަޅައިގެން ހިގައްޖެނަމަ އެދާނީ މުޅިން ކުދިކުދި ވެގެންނެވެ. އެއްގޮތަކަށްވެސް ބޮޑު އެތިގަނޑެއް ނުއުފެދޭނެއެވެ. އެހެންވީމާ ބޮޑަތި ބިއްލޫރި ޖަހާ ތަންތަނުގައި ފްލޯޓް ގްލާސް ނުވަތަ އާދައިގެ ބިއްލުރީގެ ބަދަލުގައި ޓެމްޕަރ ގްލާސް ނުވަތަ ބާރުގަދަކޮށްފައި ހުންނަ ބިއްލޫރި ބޭނުންކުރެއެވެ.
އުސްކޮށް އިމާރާތް ކުރާތަންތަނުގެ އިންފާރުގައި ބޭރަށް ހުޅުވޭގޮތަށް ހުންނަ ކޮޑަދޮރުތަކުގައި އާދައިގެ ބިއްލޫރި އާއި ޓެމްޕަރ ކޮއްފަ ހުންނަ ބިއްލޫރިވެސް ބޭނުންކޮށްފައި ހުންނަތަން ފެނެއެވެ. އެހެން ނަމަވެސް އެފަދަ ތަންތަނުގައި ޖަހަން އެންމެ ކަމުދާ ބިއްލޫރިއަކީ ލެމިނޭޓް ކޮށްފައި ހުންނަ ބިއްލޫރި ނުވަތަ ލެމިނޭޓެޑް ގްލާސް އެވެ. ބިއްލޫރި ލެމިނޭޓްކުރާއިރު އާދައިގެ 2 ބިއްލޫރިގަނޑު ނުވަތަ ޓެމްޕަރކޮށްފައިވާ 2 ބިއްލޫރިގަނޑު އެކަތި އަނެކައްޗާ ވަކިނުވާވަރަށް ޕްލާސްޓިކާއި ރަބަރުން އެކުލެވިގެންވާ ފަށަލައަކުން (އާންމުގޮތެއްގައި ބޭނުންކުރަނީ ޕޮލިވިނިލް ބްރޮމައިޑް) ހުންނަނީ ތަތްކޮށްފައެވެ. އެ ފަދަ ބިއްލޫރި ތަޅައިގެން ދިޔަޔަސް ، އެ ބިއްލޫރި ގަނޑުގެ މެދުތެރޭގައި ހުންނަ ރަބަރާއި ޕްލާސްޓިކުގެ ފަށަލައިގާ ބިއްލޫރި ތަތްލަވާފައި ހުންނާތީ އެއްވެސް ވަރެއްގެ އެތިކޮޅެއް ބިމަށް ނުވެެއްޓި ކުޑަދޮރުގައި ހިފެހެއްޓިފައި ހުރެއެވެ.
އެލޫމީނިއަމް ދޮރުގައި ހުންނަ ބިއްލޫރީގެ ބޯމިނަކީ ވެސް ކަނޑައަޅަން ޖެހޭ އެއްޗެކެވެ. ބިއްލޫރިގަނޑުގެ ފުޅާމިނާއި އުސްމިން ބޮޑު ކުރާ ވަރަކަށް ބިއްލޫރީގެ ބޯމިން އިތުރުކުރަން ޖެހެއެވެ. އަދި އެ ފަދަ ބިއްލޫރިއަކީ އުސް އިމާރާތެއްގެ މަތީގައި ހުރި އެއްޗެއް ކަމުގައިވާނަމަ އެ ބިއްލޫރީގައި ޖެހިދާނެ ވައިގެ ބާރުމިނަށް ބަލައި ބޯމިން އިތުރުކުރަންޖެހޭ ފަހަރުވެސް އާދެއެވެ. ކޮޅިގަނޑެއްގައި ޖެހޭ ބާރު ވައިން އުފެދޭ ބާރު ހިފެހެއްޓޭވަރުގެ ބިއްލޫރި ކަމުގައި ހަދަންޖެއެވެ. މިފަދަ ކަންކަން ނިންމުމުގައި އެންމެ ފަސޭހައީ އެލުމީނިއަމް ބިއްލޫރި ދޮރު ހަދާ ޚާއްސަ ކުންފުންޏަކާ ވާހަކަ ދައްކައިގެން އެފަރާތުގެ ތަޖުރިބާގެ އަލީގައި ގޮތެއް ނިންމުމެވެ.
ދޮރުގައި ހަރުކުރާ އެކި ކުލަ ކުލައިގެ ބިއްލޫރި ތައްޔާރު ކުރެވެން ހުރެއެވެ. އިމާރާތަށް ވަންނަ ހޫނު މަޑު ކުރާ ލޯއީ ބިއްލޫރިވެސް ހުރެއެވެ. އަދި އިމާރާތަށް އެޅޭ އިރުގެ ދޯދި އެހެން ދިމާއަށް ފޮނުވާލުމަށް ޓަކައި މޫނުބަލާ ލޯގަނޑުތަކެއްހެން ވެސް ބިއްލޫރި ( ރިފްލެކްޓިވް މިރާ ގްލާސް) ހެދެން ހުރެއެވެ. މިދެންނެވި ލޯގަނޑު ބިއްލޫރި ޖަހާފައި ހުންނަ އިމާރާތުން އުފެދޭ ދޯދިން ކައިރީގައި ދިރިއުޅޭ އެހެން މީހުންނަށް އުދަނގޫވާކަމަށް ވެއެވެ. އެއީ އެ ލޯގަނޑު ބިއްލޫރީގައި އިރުގެ ދޯދިތައް ޖެހި އެހެން ދިމާއަކަށް ބަދަލުވެގެން ދާއިރު ޖެހިގެން ހުރިގޭގޭގެ އެތެރަށް އެޅިގެންދާތީއެވެ. އެހެންވެ ބައެއް ގައުމުތަކުގައި އަލި ރިފްލެކްޓްވާ މިންވަރު، ކޮންޓްރޯލު ކުރާކަމަށް ވެއެވެ.