އިމާރާތުގެ ފުރާޅަކީ އެންމެ ނިވައިކަން ކުޑަކޮށް އިމާރާތުގެ އެންމެ މަތީގައި ހުންނަ ބައެވެ. ޖެހޭ ބާރުވައި ސީދާ އައިސް ޖެހެނީ ފުރާޅުގައެވެ. އެއްވެސް ޓިނުގަނޑެއް ދޫވެފައި ހުރިނަމަ އެ ޓިނުގަނޑެއް ވަޔާ ތެޅެންފަށައެވެ. އަދި އެފަދަ ތެޅުންތައް އިތުރުވެ ޓިނުގަނޑު އިސްކުރުންވަޅުން ލުއްސާލައިގެން ދާ ފަހަރުވެސް އާދެއެވެ. ޖެހޭ ބާރުވައިގެ ސަބަބުން ހަމައެކަނި އެންމެ ޓިނުގަނޑެއްގެ ބަދަލުގައި އިމާރާތުގެ މުޅި ފުރާޅުވެސް އުފުރިގެން ބިންމައްޗަށް ވެއްޓިފައިވެސް އެބަހުއްޓެވެ. އެގޮތަށް ދިމާވާ ފަހަރު ފަހަރުގައިވެސް ހުރިހާ އިމާރާތެއްގެ ފުރާޅު އެއްލާ ނުލާކަން ފާހަގަ ކުރެވެއެވެ. އެހެންވީމާ ފުރާޅު އެއްލާލި އިމާރާތުގައި އެހުރީ އެކަށީގެންވާ ވަރަށް ރައްކާތެރި ކަމާއެކު ފުރާޅު ހަރުނުކުރެވި ކަމަށް ބެލިދާނެއެވެ.
ޖެހޭ ބާރު ވައިގައި އިމާރާތުގެ ފުރާޅު ނައްޓައިގެން ނުވަތަ ލުއްސައިގެން ނުދާ ވަރަށް ހިފެހެއްޓިއްޖެކަން ޔަގީންކުރުމުގެ ގޮތުން ބަލާލެވިދާނެ މުހިއްމު ކަންތައްތަކެއް އެބައޮތެވެ. ލިއުމުގެ ތަރުތީބު އެވަނީ މަތިން ތިރިއަށް ފުރާޅުން ފެށިގެން ބިންގަލާ ހަމައަށެވެ. ތިރީގައިވާ ކުރެހުމުގައި ދައްކާފައި އެވަނީ އިމާރާތުގެ މިސާލެކެވެ. ފުރާޅުގެ ތިނބިންފެށިގެން ބިންގަލާ ހަމައަށް ގުޅިފައި ހުންނަ ގޮތެވެ.
1. ފުރާޅުގައި ހުރި ޓިނުތައް ފުރާޅުގެ ފަތިތަކުގެ މަތީގައި އަތުރާފައި ހުރިއިރު އެކަށީގެންވާ ވަރަށް އިސްކުރުޖަހާ ފަތިތަކަށް ހަރުކޮށްފައި ހުރިތޯ ޔަގީން ކުރުން. ފުރާޅުގެ ޓިނުހަރުކުރަން އެއްވެސް ހާލެއްގައި އިސްކުރުގެ ބަދަލުގައި މޮހޮރު ބޭނުން ނުކުރުން. ކޮންމެ ޓިނުގަނޑެއްވެސް އޭގެ ދިގުމިނަށާއި ފުޅާމިނަށް ބަލައި ފަތިގަނޑުގައި ނުގުޑާވަރަށް ހަރުކުރެވިފައި ހުރިތޯ ބެލުން. އަދި ކޮންމެ ފަތިގަނޑަކީ ވެސް އެ ފަތިތައް އަތުރާ ދުރުމިނަށް ބަލައި އޭގެ މަތީގައި މަސައްކަތުމީހުން ތިބެގެން ޓިނުޖަހަމުން ދާއިރު ނުލެނބޭވަރަށް ބާރުހުރި ފަތި ކަމުގައި ހެދުން.
2. ފުރާޅުގެ ފަތިތައް ހިފެހެއްޓުމަށް އަޅާފައި ހުންނަ ފައިދޮށްތަކުގެ (ރާފްޓާސް ތަކުގެ) މަތީގައި ފުރާޅުގެ ފަތިތައް އަތުރާފައި ހުރިއިރު ކޮންމެ ފަތިގަނޑެއްވެސް ފައިދޮށުގައި ޖެހޭ ދިމާއިން ރަނގަޅަށް ހަރުކުރެވިފައި ހުރިކަން ޔަގީންކުރުން. ފުރާޅުގެ މަތިވަޑާންގަނޑު ހުރީ ލަކުޑިންނަމަ އިސްކުރުޖަހާ ހަރުކުރުން. މަތިވަޑާންގަނޑު ހުރީ ދަގަނޑުނަމަ ވެލްޑުކޮށް ނުވަތަ ބޯލްޓު ޖަހާ ހަރުކުރުން. އަދި ފައިދޮށް އަޅާފައި ހުރި ދުރުމިނަށް ބަލައި އެއްވެސް ވަރަކަށް ފުރާޅު ނުލެނބޭކަމުގެ ޔަގީންކަން ހޯދުން.
3. ކޮންމެ ފައިދޮށެއްވެސް އިމާރާތުގެ ފާރުތައް ނިންމުމަށްފަހު އޭގެ މަތީގައި އަޅާ ފުރާޅުގެ ބެރިއަށް އެންކަރު ބޯލްޓު ޖަހާ ރަނގަޅަށް ހަރުކޮށްފައި ހުރުން. އަދި ފުރާޅުގެ ބެރިއަކީ މުޅި ފުރާޅު ހިފެހެއްޓޭވަރުގެ ވަރުގަދަ ބެރިއެއް ކަމުގެ ޔަގީންކަށް ހޯދުން.
4. ފުރާޅުގެ ބެރިތައް ހުރީ އިމާރާތުގެ ތަނބުތަކާ ގުޅިފައިތޯ ބަލައި ޔަގީންކުރުން. ތަނބުގެ ދަގަނޑު ނުވަތަ ތަނބު ފުރާޅުބެރިއާ ރަނގަޅަށް ގުޅުވާލުން. ލަކުޑި ނަމަ އެކަށީގެންވާ އެލް ބްރަކެޓް ބޭނުންކޮށްގެން ނަމަވެސް ފުރާޅުގެ ބެރިއާ ތަނބުތަކާ ގުޅުވާލުން. ކަންކަނުގައި ކޮންކްރީޓު ތަނބު ނުޖަހާ ހަމއެކަނީ ފާރު ބޭނުންކޮށްގެން ކޮށްފައި ހުންނަ އިމާރާތްތަކުގައި އެންކަރު ރޮޑެއް ބޭނުންކޮށްގެން ފުރާޅުގެ ބެރި ރަނގަޅަށް ހިފަހައްޓާލުން.
5. ފުރާޅާހަމައަށް އެރި ތަނބުތައް މެދުކެނޑުމެއްނެތި އިމާރާތުގެ ބިންގަލާ ހަމައަށް ތިރިވެފައި ބިންގަލާ ގުޅިފައި ހުރިތޯ ޔަގީންކުރުން. އެއްވެސް ތަނބެއް މެދުކެޑިފައި ހުރިނަމަ އެތަނބު ފަށާފައި ހުރީ އިމާރާތާ ރަނގަޅަށް ގުޅިފައިހުރި ޝީޓަކުންތޯ ނުވަތަ ބެރިއަކުންތޯ ބަލައި ޔަގީންކުރުން. ތަނބު ނުޖަހާ ހަމައެކަނީ ފާރު ބޭނުންކޮށްގެން ކޮށްފައި ހުންނަ އިމާރާތުގައި އެންމެ ރައްކާތެރި ގޮތަކީ ފާރުގެ ތެރެއިން އެންކަރު ރޮޑެއް ގެންގޮސް ބިންގަލާހަމައަށް ގެންދިއުމެވެ.
މަތީގައި ދެންނެވިފައިވާ ކަންތައްތައް ރަނގަޅަށް ފުރިހަމަވެފައި ހުރިނަމަ އިމާރާތުގެ ފުރާޅު ހުންނާނީ ރަނގަޅަށް ހިފެހެއްޓި ފައެވެ.
ފުރާޅުގެ ބޮޑުމިނަށް ބަލައި، ދިވެހިރާއްޖޭގައި ޖެހޭ އެންމެ ބާރުގަދަ ކޮޅިގަނޑުގައި އަންނަ ވައިން އުފެދޭ ބާރު އިމާރާތުގެ ފުރާޅުންފެށިގެން ބިންގަލާހަމައަށް ގެންދިއުމުގައި މަތީގައި ދަންނަވާފައިވާ ކޮންމެ ގުޅުވުމަކަށް އަރާބާރު ވަކިވަކިން ހިސާބުކުރެވެއެވެ. އެކަންކުރަނީ އިމާރާތުގެ ސްޓްރަކްޗަރު ފަރުމާކުރާ އިންޖިނޭރުންނެވެ. އަދި އެ ހިސާބުގެ އަލިގައި ފުރާޅުގެ ކޮންމެ ގުޅުވުމުގައި ބޭނުންކުރާ އިސްކުރު، ބޯލްޓު، ވެލްޑުގެ ދިގުމިނާއި ވަށަމިން ޔަގީންކުރެވެއެވެ. އިމާރާތުގެ ފުރާޅު ރަނގަޅަށް ހަރުކުރެވި ހިފެއްހެއްޓިފައި ހުންނައިރު، ފުރާޅާ، ތަނބުތަކާ ބިންގަލާ ހުންނަނީ އެކަތިގަނޑެއްހެން ގުޅިފައެވެ.
އިމާރާތުގެ ބާވަތަށްބަލައި، މުޅި އިމާރާތަކީ ލުއި އިމާރާތެއްނަމަ، އިމާރާތުގެ ފުރާޅުންފެށިގެން ބިންގަލާ ހަމައަށް ގުޅާލުމަކުން ނުނިމޭނެއެވެ. ޖެހޭ ބާރު ވައިގާ މުޅި އިމާރާތް އެކުގައިވެސް ބިމުން ލުއްސާލައިގެން އެއްލާލައި ފާނެއެވެ. އެހެންވީމާ އެފަދަ އިމާރާތް އެއްލާނުލާވަރަށް ބަރު ކުރަން ޖެހެއެވެ. މަތީގައި ދެންނެވިފައިވާ ބައިތަކުގެ އިތުރަށް އިމާރާތް ބަރުކުރުމުގެ ގޮތުން އިތުރު ބިންގަލެއްއަޅައި ނުވަތަ ބިމަށް އަބުޖަހައިގެން ނަމަވެސް (ޕައިލްސް ޖަހައިގެން) އެ އިމާރާތް ބިމުގައި ހިފަހައްޓަން ޖެހޭ އިމާރާތްތައް ވެސް ހުރެއެވެ.