11. ތައްގަނުޑު ފިލާ
އާންމުގޮތެއްގައި ތައްގަނޑު ފިލާ ހަދަނީ 12 މިލިމީޓަރަށްވުރެ ބޯ ޕްލައިވުޑުންނެވެ. ތައްގަނޑުގެ އަރިތައް ލަކުޑި ނުވަތަ ދަގަނޑުން ފަތިއަޅާ ހިފަހައްޓަނީއެވެ. ޕްލައިވުޑާ ޕްލައިވުޑު ގުޅޭ ތަނުގައި ދެ ޕްލައިވުޑު ހަމަހަމު ކުރަންވާނެއެވެ.
ތައްގަނޑު ފިލާ ޖަހާފައި ހުންނަން ޖެހެނީ ކުރެހުންތަކުގައި ވާ މިންތަކަށް ބަރާބަރު މިންގަނޑުތަކަށް ބެރިތަކާއި، ތަނބުތައް ފަދަ ކޮންމެ ބައެއްވެސް އަންނަގޮތަށެވެ. ތައްގަނޑު ފިލާ ޖަހާފައި ހުންނައިރު އެތެރެއަށް އަޅާ ދިޔާ ކޮންކްރީޓުގެ ފެންފޮދު ބޭރުވާގޮތަށް ހުރެެގެން ނުވާނެއެވެ. ހުންނަންވާނީ ރަނގަޅަށް ބަންދުކުރެވިފައެވެ. ކޮންކްރީޓު ކޮށް އޭގައި ސިމެންތި ނުޖަހާ ކޮންކްރީޓުތަކުގެ ތައްގަނޑު ފިލާ ޖަހާއިރު ވަކިން ފަރުވާތެރި ވާންވާނެއެވެ.
ތައްގަނޑުފިލާ ޖަހާފައި އެގޭތެރެއަށް ދިޔާ ކޮންކްރީޓު އަޅަމުން ވައިބުރޭޓު ކުރަމުން ދާއިރު ތައްގަނޑަށް އަރާ ބާރާއި، ލިބޭ ޝޮކާއި، ލޮޅުމާއި ކޮންމެފަދަ ކަމަކުންވެސް ތައްގަނޑު ނުގުޑާގޮތަށް ރަނގަޅަށް ހަރުކުރުން މުހިއްމެވެ. އެއީ ތައްގަނޑު ގުޑައިފިނަމަ އުފެދޭ ހަރު ކޮންކްރީޓު ހުންނާނީ ކުރެހުމުގައި ދައްކާފައިވާ ބައިތަކާ ތަފާތުކޮށެވެ.
ބިންގަލުގެ ކޮންކްރީޓުއެޅުމަށް އަރިމަތީ ތައްގަނޑު ޖަހާއިރު، ގޯތީގެ އިން ވަކިކޮށްދޭ ޗާޓު ހޯދައި، އިމާރާތްކުރާ ގޯތީގެ އިމަށްވުރެ ބޭރަށް ބިންގާ ނު ނުކުންނަކަން ޔަގީން ކުރަންޖެހެއެވެ. އަދި މިހާރު މާލޭގައި ހިންގާ އިމާރާތްކުރުމުގެ ގަވާއިދު ގައި ބުނާ ގޮތުން، ބިންގާ އެޅުމުގެ ކުރިން އެ ބިންގާ އޮތީ ގޯތީގެ އިމުގެ އެތެރޭގައިކަން ޔަގީންކުރުމަށް ސިޓީކައުންސިލުގެ ފަރާތުން ބަލައި ފާސްކުރުމުން ނޫނީ އިމާރާތުގެ ބިންގާ އެޅުމުގެ ހުއްދައެއް ނޯވެއެވެ.
އިމާރާތުގެ ތަނބުތަކުަގައި ޖަހާ ތައްގަނޑު ފިލާތައް ހުންނަންވާނީ ބަރާބަރަށް އޮލަނބަށެވެ. ތަަނބުގެ ހަތަރު ފަރާތުގައި ހުންނަ 4 ތައްގަނޑުފަޅި އެއްކޮށް ދަގަނޑު ބޯލްޓުން ބަނދެލުމަށް ފަހު ހަތަރުފަރާތުން ވިއްދާ އެއްޗެތި ވިއްދާ ހިފަހައްޓަން ވާނެއެވެ. ތަނބު ގެ ބަރާބަރު މިންގަނޑު ހިފެހެއްޓުމާއި، ރަހައަށް ހުރުމާއި، ތަނބުގެ ތެރެއަށް އަޅާ ކޮންކްރީޓު ބައިބަޔަށް އަޅަމުން ވައިބުރޭޓުކުރަމުން ދާއިރު ތައްގަނޑު ފިލާ ލެނބި، ބަނޑިލާފަދަގޮތެއް ވިޔަނުދިނުމަށް އެކަށީގެންވާ ކައިރިމިނެެއްގައި ފަތިއަޅައި ހިފަހައްޓާފައި ހުންނަން ޖެހެއެވެ.
ޖަހާފައިވާ އެއްވެސް ތައްގަނޑު ފިލައަކަށް ކޮންކްރީޓު އެޅުމުގެ ކުރިން އިމާރާތުގެ މަސައްކަތުގައި ކޮންސަލްޓެއް އުޅޭނަމަ އޭނާ މެދުވެރިކޮށް ނުވަތަ ވެރިފަރާތް މެދުވެރިކޮށް ޗެކްކުރުވަންޖެއެވެ.
ކޮންކްރީޓު ކުރާ ތަނެއްގެ ބާވަތުން ތައްގަނޑު ފިލާ ނައްޓާލެވޭ އާންމު މުއްދަތު ތަކެއް އިމާރާތްކުރުމުގެ ދާއިރާގައި ގެންގުޅެއެވެ.
ބެރީގެ އަރިމައްޗާއި، ޝީޓުގެ އަރިމައްޗާއި، ތަނބުގެ ތައްގަނޑު ނައްޓަން ޖެހެނީ ކޮންކްރީޓު އެޅިތާ މަދުވެގެން 48 ގަޑިއިރު ފަހުންނެވެ.
ޝީޓުގެ ތިރީގައި ހުންނަ ވިއްދާ އެއްޗެއްސާއި ، ތައްގަނޑު ފިލާ ނައްޓާލެވެނީ ކޮންކްރީޓު އެޅިތާ 14 ދުވަސް ފަހުންނެވެ.
ބެރީގެ ދަށުގައި ހުންނަ ވިއްދާ އެއްޗެއްސާއި ، ތައްގަނޑު ފިލާ ނައްޓާލެވެނީ ކޮންކްރީޓު އެޅިތާ 21 ދުވަސް ފަހުންނެވެ. ކޮންކްރީޓު ޝީޓާ ބެރިއަކީ އެކީގައި ކޮންކްރީޓުކުރާ ދޭތިކަމަށްވާތީ ގިނަފަހަރު ޝީޓުގެވެސް ތައްގަނޑުފިލާ ނައްޓަންފަށަނީ ބެރީގެ ތައްގަނޑުފިލާ ނެއްޓުމަށް އޮންނަ މުއްދަތު 21 ދުވަސް ، ހަމަވުމުންނެވެ.
ބެރިއެއްގެ އެކޮޅު ހަރުކޮށްފައި އަނެއްކޮޅު ހަރުނުކޮށް ބޭރަށް ދިއްކޮށްފައި ހުންނަ ބެރިތަކުގެ ( ކެންޓީ ލީވަރ ބެރިތަކުގެ) ތައްގަނޑު ފިލާ ނައްޓަނީ ކޮންކްރީޓު އެޅިތާ 28 ދުވަސް ފަހުންނެވެ.
މަތީގައިވާ މުއްދަތުތައް އެހެން ލިޔެފައި ހުރިކަމުގައިވިޔަސް ހާލަތާ، ބާވަތަށް ބަލައި، އެ މަޝްރޫއުއެއްގައި އުޅޭ އިންޖީނޭރަކު އެހެން މުއްދަތުތަކެއްގައި ތައްގަނޑު ފިލާ ނައްޓަން ނިންމަފާނެއެވެ. ވީމާ ތައްގަނޑު ފިލާ ނެއްޓުމުގެ މުއްދަތުތަކެއް އެގްރީމެންޓުގައި ހިމެނިފައި ނެތް ނަމަ، ތައްގަނޑުފިލާ ނައްޓަން ގަސްދުކުރާގޮތުގެ ހުއްދަ ހޯދަންވާނެއެވެ.
ތައްގަނޑުފިލާ ނެއްޓުމުން ހާމަވާ ކޮންކްރީޓުގައި އެއްވެސް ލޯވަޅެއް ބަލެއް ލޯވަޅުތަކެއް، ރެނދެއް ނުވަތަ ކުލަ ބަދަލުވުމެއް، ނުހިކުމުގެ މައްސަލައެއް، އެފަދަ ކޮންމެ ކަމެއް ދިމާވިޔަސް އިމާރާތުގެ ކޮންސަލްޓަންޓަށް އެކަން ވީ އެންމެ އަވަހަކަށް އަންގަންވާނެއެވެ.