12. ކޮންކްރީޓަށް ލައްވާ ދަނގަޑު
ކޮންކްރީޓަށް ލައްވާ ދަގަނޑު މިންގަނޑު ކަނޑައަޅަނީ އިގިރޭސިވިލާތުގެ ކޯޑު BS4449 އިންނެވެ. ލައްވާ ކޮންމެ ދަގަނޑަކީވެސް އޭގައި ދަބަރު ހިފާފައިނެތް ހިރަފުހާ ތެލާ އުނގުޅިފައިނެތް ކޮންކްރީޓުގެ ތެރެއިން ފަސޭހައިން ދެމިގެން ދާފަދަ އެއްޗެއް ނެތް އާ ދަގަނޑަށް ވާންޖެހެއެވެ.
ރިންގު ހަދަން ބޭނުންކުރަނީ 6 މިލިމީޓަރުގެ މަޑު ދަގަނޑެވެ. އެހެނިހެން ބައިތަކުގައި ބޭނުންކުރަނީ 10 ، 12، 16 ، 20، 25 ނުވަތަ 32 މިލިމީޓަރުގެ އެނބުރި ދަގަނޑެވެ. ބައެއް މަޝްރޫއުތަކުގައި 10 މިލިމީޓަރުގެ އެނބުރި ދަގަނޑުން ރިންގު ހަދާފައި ހުރެއެވެ.
މަޑު ދަގަނޑުން ބާރު ހިފޭ މިންގަނޑަކީ ކޮންމެ އަކަ މިލިމީޓަރަކުން 250 ނިއުޓަން (250N/mm2) އެވެ. އެނބުރި ދަގަނޑުން ބާރު ހިފޭ މިންގަނޑަކީ ކޮންމެ އަކަ މިލިމީޓަރަކަށް 460 ނިއުޓަން (460N/mm2) އެވެ.
ރިންގުހަދަން ލަންބާ ލެންބުމާއި، ފައްތަރު އަންނަ ދިމަ ދިމާއަށް ލަންބާ ލެންބުމާއި، އަދި ބެރިތަކާއި ޝީޓު ތަކަށް ބެރި ނިންމާ ތަންތަނުގައ ލަންބާ ލެންބުމާއި، ތަނބުތައް ފަށާއިރު ލަންބާ ލެންބުން ފަދަ ހުރިހާ ލެންބުމަކީ ވެސް ދަގަނޑު ހޫނު ނުކޮށް ލަންބާ ލެންބުމެކެވެ.
ދަގަނޑު ލަންބަންވާ ގޮތަކީ އިގިރޭސިވިލާތުގެ BS1487 ކޯޑުގައި ވަރަށް ތަފްސީލުކޮށް ބަޔާން ކޮއްފައި ހުންނަ އެއްޗެކެވެ. ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތުގައި އިގިރޭސި ވިލާތުގެ ކޯޑުގައި ވާގޮތަށް މަސައްކަތްކުރުމަކީ މަޖުބޫރުކަމެއް ނޫނެވެ. އޮސްޓްރޭލިއާ، ނިއުޒިލޭންޑު، އިންޑިޔާ ކޯޑު ފަދަ ކޯޑުތައް ކޮންކްރީޓުގެ އެކި އެކި މަރުހަލާގައި ބަލައި އޭގައިވާގޮތަށް އަމަލުކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.
ކޮންކްރީޓަށް ދަގަނޑު ލައްވާފައި ހުންނައިރު ދަގަނޑުތައް ހުންނަންވާނީ ބަންނަ ނަރުން ބަނދެފައެވެ. އެއްދަގަނޑަށްވުރެ ދިގުކޮށް ދަގަނޑު އަތުރަން ޖެހޭނަމަ ދަގަނޑު ފައްތަރު ކުރަންޖެހޭއެވެ. ފައްތަރު ނުކޮށް ދަގަނޑުގެ ކޮޅާ ކޮޅު ޖެއްސުމަނީ މަނާކަމެކެވެ.
ކޮންކްރީޓުގެރެއަށް ލައްވާ ދަގަނޑު ތައްގަނޑުގެ ތެރޭގައި އަތުރާ، ބަނދެ، ނިމޭއިރު ތައްގަނޑު އެތެރެ ފަށަލައާ އެއާ އެންމެ ކައިރީގައި ހުރި ދަގަނޑުގެ އެންމެ ކައިރި ފަށަލައާ ދޭތެރޭ މިންގަޑަށް ކިޔަނީ ” ކޮންކްރީޓުގެ ކަވަރު” އެވެ. އެކި ތަންތަނުގައި ކަވަރު ބަހައްޓަންޖެހޭ މިންގަނޑު ތަފާތު ކޮށްފައި ހުރެއެވެ.
އާންމުގޮތެއްގައި ގެންގުޅޭމިންގަނޑަކީ:
ޝީޓުގެ ކަވަރު 25 މިލިމީޓަރާ 30 މިލިމީޓަރާ ދެމެދު
ބެރީގެ ތިރީގެ ކަވަރު 30 މިލިމީޓަރާ 35 މިލިމީޓަރާ ދެމެދު.
ބެރީގެ އަރިމަތީގެ ކަވަރު 30 މިލިމީޓަރ
ތަނބު ތަކުގެ ކޮންމެ އަރިއެއްގައިވެސް 40 މިލިމީޓަރުގެ ކަވަރު
ހަމަބިމުން އަޑިއަށް ދާ ކޮންމެ ކޮންކްރީޓެއްގެވެސް ، އެއީ ބިންގަލާ، ބިންގާ ބެރިއާ، އަރިމަތީފާރާ މިފަދަ ހުރިހާ އެއްޗެއްގެވެސް ކަވަރު 50 މިލިމީޓަރަށްވުރެ ކުޑަ ނުކުރުމަށެވެ.