ކޮންކްރީޓު އުފެއްދުމުގައި ބޭނުންކުރާ ހިލައާއި ހިލަވެއްޔަކީ ވަކި މިންގަޑުތަކަކަށް ފެތޭއެއްޗަކަށް ވުމަށް ގިނަ ގައުމުތަކުގެ އިމާރާތްކުރުމުގެ ގަވާއިދުގައި ބުނެފައި ހުރެއެވެ. އާންމުގޮތެއްގައި ބޭނުންކުރާ ހިލަ (ކޯޒް އެގްރިގޭޓް) އަދި ވެލި (ފައިން އެގްރިގޭޓް) އާބެހޭގޮތުން މިންތަކެއް ކަނޑައެޅުމަށް ނުވަތަ ކްލަސިފައި ކުރުމަށް އިންޑިޔާގެ ސްޓޭންޑަރޑުގައި ބޭނުން ކޮށްފައި ހުރިގޮތުގެ ހުލާސާއެއް ލިއެލާނަމެވެ.
ހ. ވެލި
ކޮންކްރީޓުކުރުމަށް އެތެރެކުރާ ވެލި އުފައްދަނީ ނުވަތަ ހޯދަނީ ޤުދުރަތީގޮތުން އުފެދިފައި ހުންނަ ވެލި ކޯރުފަދަ ތަންތަނުގެ އަޑިން ނަގައިގެން ނުވަތަ ބޮޑަތި ހިލަގަނޑުގަނޑު މުގުރައިގެން ނެވެ. ވެލީގެ ކޮންމެ ވެލިފުކެއްވެސް ހަރުވާންޖެހެއެވެ. ވެލީގެ ތެރޭގައި ގަސްގަހުގެ މުލާ، ކުނިބުނި ހުރެގެން ނުވާނެއެވެ. އަދި ޗަކަ ނުވަތަ ކިސަޑުފަދަ އެއްޗެއްވެސް ވެއްޔާ އެކުވެފައި ހުރެގެން ނުވާނެއެވެ. އަދި އުފެއްދޭ ކޮންކްރީޓަށް ހަމަލާދީ ކޮންކްރީޓުގެ ބާރު ދެރަކުރާ ބާވަތުގެ އެއްވެސް ކެމިކަލެއްވެސް ވެލީގެތެރޭގައި ހުރެގެން ނުވާނެއެވެ.
ވެލީގެ ފުއްތަކުގެ ބޮޑުމިނަކީ ވަރަށް މުހިއްމުއެއްޗެކެވެ. ވެލި ރަނގަޅުވެފަ ބާރުގަދަވަނީ ކަށި ވީ ވަރަކުންނެވެ. ކޮންމެ ކޮންމެ ހިމުން މިނެއްގައި ހުންނަ ވެއްޔަކީ ކޮންކްރީޓު ކުރަން އެންމެ ކަމުދާ އެއްޗަކަށް ނުވެއެވެ. ވެލީގެ ފުއްތަކުގެ ބޮޑުމިނުގެ މިންވަރު ބަލާގޮތަކީ އެކަމަށް ކަނޑައަޅާފައި ހުންނަ ފުރޭންޏަކުން ފުރާނާލައިގެންނެވެ. ހަތަރެސްކަން ހަމަ ލޯވަޅުގެ ބޮޑުމިނުގައި 4.75 މިލިމީޓަރު ހުންނަ ފުރޭންޏަކުން ވެލި ފުރާނާލުމުން ފުރޭނި ވެލީގެ %95 ވެލިއެއްކޮށް ފުރޭނެންޖެހެއެވެ. ނުފުރޭނި ފުރޭނިތެރޭގައި ހަރުލާފައި ހުންނަބައިގެ ވެސް އެއްވެސް ފުކެއް 10 މިލިމީޓަރަށްވުރެ ބޮޑުވެން ނުވާނެއެވެ.
4.75 މިލިމީޓަރުގެ ލޯވަޅު ހުންނަ ފުރޭނިން ފުރާލުމަށް ފަހު އެއިން ފާސްވުމުން ދެން ފުރާނާލަން ޖެހެނީ ވެލީގެ އެންމެ ހިމުން ބައި ކޮންޓްރޯލު ކުރުމަށެވެ. ވެލިފުއްތަކުގެ ބޮޑުމިން ކުޑަވަމުން ގޮސް 3.50 މިލިމީޓަރާ 2.5 މިލިމީޓަރާ އަދި އެ އަށްވުރެ ހިމުން ހުރިހާ ވެއްޔެއްގެ ޖުމްލަ ބަރުދަން އެ ފުރޭނި ޖުމްލަ ވެލީގެ ބަރުދަނުގެ %4 އަށްވުރެ އިތުރުވެގެން ނުވެއެވެ. އެއީ ވެލީގައި ހިމެނޭ ހިމުންވެލީގެ ނިސްބަތް މަދުކުރުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ނިސްބަތުން ވެލީގެ %96 ފުއްތަކަކީ ކަށިވެލި ކަމަށް ވުން މުހިއްމެވެ. ވެލީގައި ހިމެނޭ ހިމުންބައި އިތުރުވެއްޖެނަމަ، ކޮންކްރީޓު އުފެދިގެންދާއިރު، ސިމެންތިން އުފައްދައިދޭ ފުރިހަމަ ބާރު ނުލިބި، ބާރު ދެރަވާކަމަށް ވާތީއެވެ.
ށ. ހިލަ
ހިލައަކީ ކޮންކްރީޓުގެ ބާރުގަދަވުމުގައި ވަރަށް މުހިއްމު ރޯލެއްކުޅޭ އެއްޗެކެވެ. ރާއްޖޭގެ އަކިރިން އުފައްދާ ކޮންކްރީޓާ ބޭރުން އެތެރެކުރާ ހިލަ އަޅައިގެން އުފައްދާ ކޮންކްރީޓުގައި ހުންނަ ތަފާތު އަހަރެމެންނަށް ވަރަށް ރަނގަޅަށް ފެނިފައިވެއެވެ. އެ ތަފާތަކީ ހިލަައިގެ ބާރުގެ ތަފާތެވެ. ބޭރުން އެތެރެކުރާ ހިލަ އުފައްދާފައި ހުންނަނީ ފަރުބަދައިގެ ހިލަ މުގުރައިގެންނެވެ. ކޮންކްރީޓު އުފެއްދުމަށް ބޭނުންކުރާ ހިލައިގެ ކޮންމެ ހިލަފުކެއްގެ އެންމެ ބޮޑުމިން 20 މިލިމީޓަރ 40 މިލިމީޓަރާދެމެދުގައި ގެންގުޅެއެވެ. އެ މިންގަޑު ކަނޑައެޅުމުގައި ބިނާވަނީ އުފައްދާ ކޮންކްރީޓުގެ ކުޑަބޮޑުމިނަށެވެ. ވަރަށް ބޮޑަތި ކޮންކްރީޓް އުފައްދަން 40 މިލިމީޓަރުގެ ހިލަ ހުއްދަކުރެއެވެ. ދިވެހިރާއްޖޭގައި އާންމުގޮތެއްގައި ބޭނުންކުރަނީ އެހާ ބޮޑަތި ކޮންކްރީޓަށް ނުވާތީ ގެންގުޅެނީ ހިލަފުއްތައް 20 މިލިމީޓަރާ ހިސާބުގައި ގެންގުޅުމުގެ އުސޫލެވެ. އިމާރާތްކުރުމަށް ލިބިފައިވާ ހިލަފުއްތަކުގެ ކުޑަބޮޑުމިން ބެލުމަށް ލޯވަޅެއްގައި 20 މިލިމީޓަރު ހުންނަ ފުރޭންޏަކުން ފުރާނާލައިފި ނަމަ ފުރޭނީ ހިލައިގެ %95 ފުރޭނިން ފައިބަންޖެހެއެވެ.
ހިލަވެލި ބަންދުކޮށްގެން ގެންނަނީ ގޯނީގައެވެ. ގޯނީގައި ހިލަހުންނަ އިރު އިތުރު ބެލުމަކާނުލާ ކޮންކްރީޓު ގަށާ މެޝިނަށް އަޅައިގަށަން ފަށާ މީހުންތައް މަދެއް ނޫނެވެވެ. އެހެން ނަމަވެސް ގޯނީގައި ހިލައިގެ އިތުރުން ވެލި ހުރިތޯ، ނުވަތަ ޗަކަ ހުރިތޯ ބަލަން ޖެހެއެވެ. ހިލައިގެ ހިމުންބައި ހޯދުމަށް ޓަކައި 4.75 މިލިމީޓަރުގެ ފުރޭނިން ނުވަތަ ވެލީގެ ނިސްބަތް ހޯދާ ފުރޭނިން ފުރާނާލަނީއެވެ. 4.75 މިލިމީޓަރުގެ ފުރޭނިން ފުރޭނުނު ބައިގައި ހިލައިގެ ނިސްބަތުން %10 އަށް ވުރެ އިތުރުވެގެން ނުވެއެވެ. އެންމެ ބޮޑަށް ރަނގަޅީ ތަފާތު 4.75 މިލިމީޓަރަށްވުރެ ބޮޑު 20 މިލިމީޓަރަށްވުރެ ކުޑަ އެކިއެކި ބޮޑުމިނުގެ ހިލަ ހިމެނިފައި ހުރުމެވެ.
ހިލައިގާ ބާރުހުރިތޯބަލަން އެކަމަށް ޚާއްސަ މެޝިނެއް މެދުވެރިކޮށް ހިލަފުކެއް ފިސްކޮށްލައިގެން އޭގެ ‘ކްރަޝިން ސްޓްރެންތު’ ނުވަތަ ފިސްކޮށްލުމަށް ނަގާބާރު ހޯދައެވެ.
ހިލައިގެ ބައްޓަމަކީ ވެސް މުހިއްމު އެއްޗެއްކަމަށް ބަލައެވެ. ހިމަ ދިގުކޮށް، ތުނިކޮށް ފަސޭހައިން ބިންދައިގެން ދާގޮތަށް ހުންނަ ހިލައަށް ވުރެ ކުރުކޮށް ފަލަކޮށް ހުންނަ ހިލަ ރަނގަޅުވެއެވެ.
ހިލަފުއްތައް އޮމާންކޮށް ހުރުމަށްވުރެ ކަށިކޮށް ހުރުންރަނގަޅެވެ. އެއީ ސިމެންތިއާ ރަނގަޅަށް ގުޅުވުމުގައި އެހީތެރިވާކަމެކެވެ.