އާންމުގޮތެއްގައި ދިވެހިރާއްޖޭގައި ކޮންކްރީޓް އުފެއްދުމަށް ސިމެންތިއާއި، ވެއްޔާއި، ހިލަ އެއްކުރަނީ 1:2:3 ގެ ނިސްބަތުން ނެވެ. އެއީ 1 ސިމެންތިއަށް 2 ވެއްޔާ އަދި 3 ހިލައެވެ. އެ ނިސްބަތުން ފެން އެއްކުރާ ގޮތަކީ 1 ސިމެންތިއަށް 1/2 ފެނެވެ. އެހެން ނަމަވެސް ގިނަފަހަރަށް ފެންނަނީ އެއްކުރާ ފެނުގެ މިންވަރު ތަފާތުވެފަ ހުންނަ ތަނެވެ. ކޮންކްރީޓު ގެށުމަށް ތަކެތި އެއްކުރުމުގައި 2 ހަމައެއް ގެންގުޅެއެވެ. އެއީ އެއްކުރާ ތަކެތީގެ ކޮޑީގެ ނިސްބަތުން އެއްކުރުން ނުވަތަ އެއްކުރާ ތަކެތީގެ ބަރުދަނުގެ ނިސްބަތުން އެއްކުރުމެވެ. މަސައްކަތުގެ މާހައުލުގެ ތެރޭގައި ބަރުދަން ބަލާ ތިލަފަތް ނެތަސް، އެއްކުރާ ސިމެންތިއާ ވެއްޔާ އަދި ހިލަވެސް ހުންނަނީ 50 ކިލޯގެ ބަސްދާގައި ބަންދުކޮށްފައި ކަމުގައިވާނަމަ ބަރުދަނުގެ ނިސްބަތުން އެއްކުރުމަކީ އުނދަގު ކަމެއް ނޫނެވެ. އެހެން ނަމަވަސް ބަސްދާތަކުގެ ބަރުދަން ނޭގޭނަމަ ކޮޑީގެ ނިސްބަތުން (ޑަބިޔާ ނުވަތަ ސައިޓުގައި ތައްޔާރުކުރާ ޚާއްސަ ފޮއްޓެއް ބޭނުން ކޮށްގެން) ތަކެތި އެއްކުރެވިދާނެއެވެ. އެއީ މިސާލަކަށް، 1 ޑަބިޔާ ސިމެންތިއަށް، 2 ޑަބިޔާ ވެއްޔާއި، އަދި 3 ޑަބިޔާ ހިލައެވެ. އަދި ބައި ޑަބިޔާ ފެނެވެ.
ހ. ކޮޑީގެ ނިސްބަތުން 1:2:3 އަށް ގަށާ ކޮންކްރީޓުގެ ތަކެތީގެ މިންވަރު
ހިސާބު ހެދުމުގެ ކުރިން ދެނެގަންނަންވީ މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ ކޮންކްރީޓު ގަށަން އަޅާ ސިމެންތީއާ، ވެއްޔާ އަދި ހިލައަށް ފެންއަޅައިގެން ގެށުމުން ލިބޭ ކޮންކްރީޓުގެ ކޮޑި އެ އުފައްދަން އެޅި ތަކެތި ހިކިކޮށް ހުރިއިރު ހުރި ކޮޑިއަށްވުރެ މަދުވާކަމެވެ. މިސާލަކަށް، ކޮންކްރީޓު ގަށަން އަޅާ ސިމެންތިއާ، ވެއްޔާ އަދި ހިލަ ހިކިކޮށް ހުރި އިރު އޭގައި ޖުމްލަ 100 ކޮޑި ހުރިނަމަ، އެ އަށް ފެންއަޅައި ގެށުމުން ލިބޭނީ ގާތްގަނޑަކަށް 65 ކޮޑިއެވެ. ފެންއަޅައި ގެށުމުން ލިބުނު ކޮޑި މަދުވީއެވެ. ވީމާ 100 ކޮޑި އަކީ ބޭނުންވާ ކޮންކްރީޓުގެ އަދަދު ކަމުގައިވާނަމަ، އެއްކުރާ ތަކެތީގައި 154 ކޮޑި ހާ ވަރު ހުންނަން ޖެހެއެވެ.
އެހެންވީމާ، 1 ކޮޑި މީޓަރުގެ ކޮންކްރީޓު އުފައްދަން ބޭނުންވާ ތަކެތީގެ ޖުމްލަ 1.54 ކޮޑިމީޓަރަށް ހުންނަންޖެހެއެވެ. ތަކެތި ހިސާބު ކުރާ ގޮތަކީ:
* އެއްކުރާ ނިސްބަތުގެ ހުރިހާ އަދަދެއް އެއްކުރާށެވެ. އޭރުން ލިބޭނީ 6 އެކެވެ. އެއީ 6=1+2+3 އެވެ.
* ސިމެންތީގެ ނިސްބަތަކީ 1/6 އެވެ. ސިމެންތީގެ ކޮޑި އަކީ 1/6 ގުނަ 1.54 އެވެ. އެއީ 0.257 ކޮޑިމީޓަރު.
* ވެލީގެ ނިސްބަތަކީ 2/6 އެވެ. ވެލީގެ ކޮޑި އަކީ 2/6 ގުނަ 1.54 އެވެ. އެއީ 0.513 ކޮޑިމީޓަރު.
* ހިލައިގެ ނިސްބަތަކީ 3/6 އެވެ. ހިލައިގެ ކޮޑި އަކީ 2/6 ގުނަ 1.54 އެވެ. އެއީ 0.770 ކޮޑިމީޓަރު.
ސިމެންތި ބޭނުންވާ ވަރު:
ކޮތަޅުގައި ބަންދުކޮށްފައި ހިކި ސިމެންތި ހުންނައިރު އޭގެ ބަރުދަން ހުންނަނީ ކޮޑިމީޓަރަކަށް 1440 ކިލޯޖެހޭވަރަށް ކަމަށް ބަލައިގެން ހިސާބުކުރާއިރު 0.257 ކޮޑި މީޓަރުގައި ހުންނާނީ 370 ކިލޯގެ ސިމެންތިއެވެ. އެއީ 50 ކިލޯގެ 7.4 ކޮތަޅު ސިމެންތިއެވެ.
ވެލި ބޭނުންވާ ވަރު:
ވެލީގެ ބަރުދަން ހުންނަނީ ގާތްގަނޑަކަށް ކޮޑިމީޓަރަކަށް 1450 ކިލޯގްރާމެވެ. އެހެންވީމާ ވެލި ބޭނުންވަނީ 0.513 ގުނަ 1450 އެވެ. އެއީ 743 ކިލޯ ވެއްޔެވެ. ވެލި ބަސްދާއެއްގައި 50 ކިލޯ ހުންނަ ނަމަ ކޮޑި މީޓަރަކަށް ޖެހޭނީ 15 ބަސްދާ ވެއްޔެވެ.
ހިލަ ބޭނުންވާ ވަރު:
ހިލައިގެ ބަރުދަން ހުންނަނީ ގާތްގަނޑަކަށް ކޮޑިމީޓަރަކަށް 1500 ކިލޯގްރާމެވެ. އެހެންވީމާ ހިލަ ބޭނުންވަނީ 0.770 ގުނަ 1500 އެވެ. އެއީ 1155 ކިލޯ ހިލައެވެ. ހިލަ ބަސްދާއެއްގައި 50 ކިލޯ ހުންނަ ނަމަ ކޮޑި މީޓަރަކަށް ޖެހޭނީ 23 ބަސްދާ ހިލައެވެ.
އެހެންވީމާ، ކޮޑީގެ ނިސްބަތުން ގަށާއިރު، 1 ކޮޑި މީޓަރުގެ ކޮންކްރީޓު އުފައްދަން، 50 ކިލޯގެ 8 ބަސްދާ ސިމެންތީއާ، 50 ކިލޯގެ 15 ބަސްދާ ވެއްޔާ، 50 ކިލޯގެ 23 ބަސްދާ ހިލަ ބޭނުންވާނެއެވެ.
ކުރިން ފާހަގަކުރިހެން، ކޮޑީގެ ނިސްބަތުން ގަށާނަމަ، އެކަމަށް ޚާއްސަ ފޮށިގަނޑެއް ބޭނުންކޮށްގެން، އެއިން މިނަމުން އެއްކުރަމުން ގެންދިއުމުން ފުދޭނެއެވެ.
މިސާލެއް: 6 މިީޓަރު ދިގު 4 މީޓަރު ފުޅާ 150 މިލިމީޓަރު ބޯ ޝީޓަކަށް ބޭނުންވާނެ ތަކެތި.
ޝީޓުގެ ކޮޑި: 6 ގުނަ 4 ގުނަ 0.15 = 3.6 ކޮޑިމީޓަރު
ސިމެންތި ބޭނުންވާނީ 3.6 ގުނަ 8، އެއީ 28.8 ނުވަތަ 29 ކޮތަޅު.
ވެލި ބޭނުންވާނީ 3.6 ގުނަ 15، އެއީ 54 ބަސްދާ.
ހިލަ ބޭނުންވާނީ 3.6 ގުނަ 23، އެއީ 83 ބަސްދާ.
ށ. ބަރުދަނުގެ ނިސްބަތުން 1:2:3 އަށް ގަށާ ކޮންކްރީޓުގެ ތަކެތީގެ މިންވަރު
ސައިޓު ތަކުގައި މަސައްކަތްކުރާއިރު ބަރުދަނުގެ ނިސްބަތުން އެެއްކުރަން ފަސޭހަވަނީ އެއްކުރާ ތަކެތީގެ ހުރީ ކޮތަޅު ކޮތަޅު ނުވަތަ ގޯނި ގޯނީގައި ބަރުދަން އެނގޭ ގޮތަށް ބަންދުކުރެވިފައި ކަމުގައި ވާނަމައެވެ. އެގޮތަށް ދިމާވެއްޖެނަމަ، 50 ކިލޯގެ 1 ސިމެންތި ކޮތަޅަށް، ހަމަ 50 ކިލޯހުންނަ 2 ބަސްދާ ވެއްޔާއި، 50 ކިލޯ ހުންނަ 3 ބަސްދާ ހިލަ އެއްކުރުމުން ފުދޭނެއެވެ.
ބޭނުންވާ ތަކެތި ހިސާބު ކުރެވިދާނެގޮތެއް:
50 ކިލޯގެ 1 ސިމެންތި ކޮތަޅުގައި ހުންނަނީ 0.0347 ކޮޑިމީޓަރެވެ.
50 ކިލޯގެ 2 ބަސްދާ ވެލީގައި ހުންނާނީ 0.0689 ކޮޑި މީޓަރެވެ.
50 ކިލޯގެ 3 ބަސްދާ ހިލައިގާ ހުންނާނީ 0.1000 ކޮޑި މީޓަރެވެ.
ސިމެންތީގެ ކޮޑިއާ، ވެލީގެ ކޮޑިއާ އަދި ހިލައިގެ ކޮޑި އެއްކުރުމުން ލިބެނީ 0.2036 ކޮޑިމީޓަރެވެ. އެއީ ތަކެއްޗަށް ފެން ނާޅާ ހުންނައިރުގެ ކޮޑި (ނުވަތަ ޑްރައި ވޮލިއުމް ) އެވެ. ފެން އެޅުމުން ކޮޑި މަދުވުމުން ލިބޭނީ ޖުމްލަ 0.132 ކޮޑިމީޓަރެވެ. ސިމެންތި އެއްކޮތަޅުން ލިބޭނީ އެހާ ވަރު ގެ ކޮޑިއެއްކަމަށް ނިސްބަތުން ބަލާނަމަ، ކޮޑިމީޓަރެއް، ނުވަތަ 1 ކޮޑި މީޓަރުގެ ފޮއްޓެއްގެ ކޮންކްރީޓު އުފައްދަން ބޭނުންވާނީ 7.6 ކޮތަޅު ސިމެންތިއެވެ. އެއަށް އަޅަން 15 ބަސްދާ ވެއްޔާއި، 23 ބަސްދާ ހިލަ ބޭނުންވެއެވެ.
މަތީގެ ބޭނުންކޮށްފައިވާ ގޮތް ބޭނުންކޮށްގެން ތަފާތު އެހެނިހެން ރޭޝިއޯ، ނިސްބަތްތަކަށް 1:1.5:3 ނުވަތަ، 1:2:4 ނުވަތަ 1:1:2 ނުވަތަ 1:3:6 ފަދަ ކޮންކްރީޓަށްވެސް ދާނެ ތަކެތި އަންދާޒާ ކުރެވިދާނެއެވެ.
ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއް އެބައޮތެވެ. 1:2:3 ރޭޝިއޯއިން އެއްކުރާ ކޮންމެ ކޮންމެ ކޮންކްރީޓެއްގެ ބާރު އެއްވަރެއް ނުވާނެއެވެ. ކޮންކްރީޓުގެ ބާރު ތަފާތު ވާ ކިތަންމެ ގޮތަކާ ކަމެއް އޮވެއެވެ. ބޭނުންކުރާ ފެނުގެ މިންވަރާ، ބޭނުންކުރެވުނު ވެލީގެ ފެންވަރާ ބާވަތާ، ވެލިފުއްތަކުތެ ބޮޑު ކުޑަ މިންގަނޑުތަކާ، އެއަށް ފެންވަތް ނިސްބަތާ، ބޭނުންކުރެވުނު ހިލައިގެ ފެންވަރާ، ބާވަތާ، ގެށުމަށް ބޭނުންކުރި އާލާތާ، އަދި ގެށިފަހުން އެ ކޮންކްރީޓު ނަގައިގެން ގެންދިއުމުގައި ކަންހިނގާދިޔަގޮތާއި، އަދި ތައްގަނޑަށް އެޅުމަށްފަހު ރަނގަޅަށް ވައިބުރޭޓު ކުރުން ފަދަ ކަންކަން ހިމެނެއެވެ.
ތަފާތު އެހެން ރޭޝިއޯ ތަކަށް ކޮންކްރީޓް މިކްސް ކުރާ ހާލަތްތަކަކީ ކޮބައިތޯ؟، އަދި މިކަމިގައި ވަކި މިންގަނޑެއް އޮވޭތޯ؟.
މިސާލަކަށް: 1:2:4 އަށް ގަށާ ކޮންކްރީޓެއް ނަމަ، ރޭޝިއޯގެ ހުރިހާ އަދަދު ތަކުގެ ޖުމްލަ 1+2+4 އަށްލިބޭ 7 ބޭނުންކޮށްގެން، ސިމެންތީގެ ނިސްބަތް 1/7 ހޯދުމަށްފަހު އެއާ 1.54 ގުނަކުރުމުން ސިމެންތިއަށް ލިބޭ 0.22 އަކީ ސިމެންތީގެ ކޮޑި މީޓަރެވެ. 0.22 އާ ސިމެންތީގެ ބަރުދަން ކިލޯގުރާމުން ކޮޑިމީޓަރަކަށް ޖެހޭވަރު 1440 އާ ގުނަކުރުމުން ލިބޭނީ 317 ކިލޯ ސިމެންތިއެވެ. އެއީ 50 ކިލޯގެ 6.3 ކޮތަޅު ސިމެންތި އެވެ. ވެއްޔާ އަދި ހިލަވެސް 2/7 އާއި 4/7 ބޭނުންކޮށްގެން ހޯދާނީއެވެ.
ކޮންކްރީޓު ގަށަނީ ވަކި މިންގަޑެއްގެ ބާރެއް ހޯދުމަށެވެ. ކޮންކްރީޓުގެ ބާރު އާންމުގޮތެއްގައި ދިވެހިރާއްޖޭގައި ބޭނުންވާކަމަށް ބުނަނީ 25 މެގަ ޕާސްކަލް އެވެ. އެއީ 25 ނިއުޓަން ކޮންމެ އަކަ މިލިމީޓަރަކަށް ޖެހޭވަރަށެވެ. ކޮންކްރީޓުގެ ބާރު ގަދަކުރަން ބޭނުންވާނަމަ، އެއަށް އަޅާ ސިމެންތީގެ މިންވަރު ގިނަކުރަންޖެހެއެވެ. މިސާލަކަށް 1:3:6 ކޮންކްރީޓަށްވުރެ 1:2:4 ގެ ކޮންކްރީޓު ބާރު ގަދަވެއެވެ. 1:2:4 ގެ ކޮންކްރީޓަށްވުރެ 1:1:2 ގެ ކޮންކްރީޓު ބާރުގަދަވެއެވެ. މިދެންނެވި ނިސްބަތުން ދާއިރު ސިމެންތީގެ މިންވަރު ދާނީ އިތުރުވަމުންނެވެ.