އަންދާޒާ އަންދާސީހިސާބަކީ ވަރަށް މުހިއްމު އެއްޗެކެވެ. އިމާރާތެއްކުރުމުގެ ކުރިން ބަޖެޓުކޮށްލުމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަންދާޒާ އަންދާސީ ހިސާބެއް ހެދިދާނެ ތަފާތު ގިނަގޮތްތަކެއްވެއެވެ. އަޅުގަނޑު މިލިއެލަނީ އިމާރާތުގެ ތަޅުން ބޭނުންކޮށްގެން އަންދާޒާކުރެވިދާނެ ގޮތެކެވެ.
އެންމެ ފުރަމަތަ ގޯތީގެ ބޮޑުމިން ނޯޓް ކޮށްލާށެވެ. މިސާލަކަށް، 1000 އަކަފުޓެވެ. އިމާރާތްކުރަނީ 3 ބުރިއަށެވެ. އިމާރާތް ކޮށް ނިމޭއިރުވެސް އިމާރާތުގައި ހުސްޖާގަ ބާއްވަންޖެހެއެވެ. އެހެންވީމާ މިސާލަކަށް 15 ޕަސެންޓުގެ ޖާގަ ހުސްކޮށް ބާއްވަން ނިންމާނަމަ، އިމާރާތުގެ ގްރައުންޑް ފްލޯ، އެންމެ ތިރި ހަމަބިމުގައި ހުންނަ ފްލޯގެ ބޮޑުމިނަކީ 1000 ގުނަ 0.85 އެވެ. އެއީ 850 އަކަފޫޓެވެ. މަތީބުރިތަކުގައި ބެލްކަނީ ފަދަ ތަންތަން ހަދާނަމަ ފްލޯއޭރިޔާގެ އަކަ އިތުރުވާނެއެވެ. އެހެންވީމާ، މަތީބުރިތަކުގައި އިމާރާތުގެ ތަޅުމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް %87 އަށް ބަލައި އިމާރާތުގެ މަތީ ބުރިތަކުން ކޮންމެ ބުރިއެއްގެ އަކަ އަކީ 870 އަކަފޫޓެވެ. ޖުމްލަ 3 ބުރި އެއްކޮއްލުމުން އިމާރާތުގައި އުފެދޭނީ 2590 އަކަފޫޓުގެ ހިޔާކޮށްފައިވާ ތަޅުމެވެ.
2019 ގައި އިމާރާތްކުރެވުނު އިމާރާތްތަކުގެ އަގުތަކަށް ބަލައި މެދުފަންތީގެ އިމާރާތެއްކޮށްނިމޭއިރު އަގުޖެހޭ ރޭޓުތައް ހިސާބުކޮށް އެފަދަ އިމާރާތެއް އެއްކޮށް ނިމޭއިރު ހިޔާކުރެވޭ ތަޅުމުގެ އަކަފޫޓަކަށް 1400 ރުފިޔާ ޖެހޭކަމަށް ބަލައިފިނަމަ، އަޅުގަނޑުމެން ދެންމެ ހިސާބުކުރި 2590 އަކަފޫޓު ތަޅުމުގައި ހުންނަ އާ އިމާރާތް އެއްކޮށްނިންމަން އަރާނެ ޖުމްލަ އަގަކީ 3،626،000 ރުފިޔާ ކަމަށް އަންދާޒާ ކުރެވިދާނެއެވެ. އެއީ ކޮންޓްރެކްޓަރަކަށް ދޭންޖެހިދާނެ ފައިސާގެ އަންދާޒާ އަދަދެކެވެ. ފަރުނީޗަރު ނުހިމަނައެވެ.
އެ ހިސާބު ކުރެވުނު 3.626 މިލިއަން ރުފިޔާގެ ތެރެއިން އިމާރާތުގެ ސްޓްރަކްޗަރަށް ދާނެކަމަށް އަންދާޒާކުރެވެނީ ގާތްގަނޑަކަށް އެ އަދަދުގެ %20 އެވެ. އެއީ 725،200 ރުފިޔާއެވެ. ސްޓްރަކްޗަރަށް ދާނެކަމަށް ލަފާކުރި އަދަދުގެ %25 އަކީ ފައުންޑޭޝަނަށް ހިގައިދާނެ ޚަރަދެކެވެ. އެއީ ގާތްގަނޑަަކަށް 181،300 ރުފިޔާއެވެ.
ހަމަ މިގޮތަށް ކަރަންޓާއި، ފެނާއިނަރުދަމާއަށާއި، ކުލަލުމަށް ވެސް ކުރިން ހެދި އިމާރާތެއްގެ އަގުގެ ތެރެއިން ޕަސެންޓޭޖް ނަގައިގެން އަލަށް ހަދަން ގަސްދުކުރާ އިމާރާތުގެ އަންދާޒާ އަންދާސީހިސާބެއް ހެދިދާނެއެވެ. މަތީގައި ލިއެވުނު ޕަސެންޓޭޖް ތަކަކީ އެބާވަތުގެ އިމާރާތެއް ހެދިއިރު ދިޔައަގުގެ މައްޗަށް ބިނާކޮށް ހޯދިފައިވާ ޕަސެންޓޭޖު ތަކެކެވެ. މިި ހިސާބު ކުރެވުނު އަދަދަކީ އަންދާޒާ އަދަދެކެވެ. ސީދާ އަދަދެއް ނޫނެވެ. ސީދާ އަދަދު ހޯދުމަށް ބޭނުންވާ ނަމަ ތަފްސީލު އަންދާސީ ހިސާބެއް ހެދުން މުހިއްމެވެ.