މިހާރު އިމާރާތްކުރުމުގެ މާހައުލުގައި ގެންގުޅޭ އެލުމީނިއަމް ދޮރުގައި ހުންނަ ދަވާދަކީ އާދައިގެ ދަވާދެއްނޫނެވެ. އާންމުގޮތެއްގައި އެެއްޗެތީގައިލާ ދަވާދު ހުންނަނީ ދިޔާކޮށެވެ. ފިއްސަކުން ނުވަތަ ބުރުހަކުން އެދަވާދު ލައި ވަކި އިރެއްވުމުން ހިކެނީއެވެ. ސްޕުރޭ ދަޅުގައިގެންނަ ދަވާދުވެސް އެ ބޭނުންވާ ތަނަކަށް ސްޕުރޭ ކުރާއިރު ހުންނަނީ ދިޔާކޮށެވެ. އެކަމަކު އެލުމީނިއަމް ދޮރުގައި އެހުންނަނީ ދަވާދުގެ ބަދަލުގައި އެހެން ގޮތަކަށް ޒާތެއްގެ ކޯޓެއް ލާފައެވެ.
އާންމުގޮތެއްގައި އެލުމީނިއަމްގައި ލާފައިހުންނަ ދަވާދު ނުވަތަ ކުލަ ނެރުމުގައި 3 ގޮތަކަށް އަމަލުކޮށް އުޅެއެވެ. އެއީ އެނޮޑައިޒް ކުރުން (ކަލާކުރުން) ، ޕައުޑަރ ކޯޓު ކުރުން ، ޕީވީޑީއެފް ކޯޓު ކުރުން ހިމެނެއެވެ.
އެލުމީނިއަމްފަތި ކަލާކުރާއިރު ، އެ ފަތިތައް ، އެސިޑު އިލެކްޓްރޯލައިޓް އަޅާފައި ހުރި ޓޭންކަކަށް ގަންބާފައި ބަހައްޓައިގެން އެ އިލެޓްރޯލައިޓުގެ ތެރެއިން ކަރަންޓު ފޮނުވަނީއެވެ. އެ ކަރަންޓު ފޮނުވާއިރު ކެތޯޑު ހުންނަންޖެހެނީ ޓޭންކުގެ އެތެރެއަށް ގަންބާފައެވެ. ނަރު ގުޅާފައި ހުންނަންޖެހެނީ އެލުމީނިއަމް ފަތިގަނޑު ނުވަތަ ފަތިތައް އެނޯޑަށް ވާގޮތަށެވެ. އެގޮތަށް ކަރަންޓު ދިނުމުން އެލުމީނިއަމް ފަތީގެ ބޭރުފަށަލައިގާ ހުންނަ އެލުމީނިއަމް އެޓޮމްތަކާ އޮކްސިޖަންއާ ގުޅި އެލުމީނިއަމް އޮކްސައިޑުގެ ފަށަލައެއް އުފެދެއެވެ. އެފަށަލަ ވަރަށް ވަރުގަދައަށް އެކަތިގަނޑެއްހެން އެލުމީނިއަމް ގެ ބޭރުފަށަލައިގާ ހިފައެވެ. ތޫނުއެއްޗަކުން އާދައިގެ ދަވާދު ކަހާލެވޭގޮތަށް މިދެންނެވި ފަށަލަ ކަހާލާކާށް ފަސޭހައެއް ނުވާނެއެވެ. އަދި ފޮޅިގެނެއްވެސް ނުދާނެއެވެ. އެގޮތަށް ކަލާކުރުމަށް ފަހު ތަފާތު ކުލައެއް ޖައްސަން ބޭނުންނަމަ އެކަން ކުރަނީ ސްޓެއިންކޮށެގެނެވެ. އެކަމުގައި އެބްސޯބްޝަން ސްޓެއިިނިންގ ، އިލެކްޓްރޯލިޓިކް ސްޓެއިނިންގ، އިންޓެގްރަލް ސްޓެއިނިންގ، ނުވަތަ އިންޓަފިއަރެންސް ސްޓެއިނިންގ ބޭނުންކުރެއެވެ.
އެންމެ ގިނައިން އެކަން ކޮށް އުޅެނީ ދެވަނަ ކަލާކުރުމުގެ މަރުހަލާއަކުން، އިލެކްޓޯަލައިޓުގެ ތެރެއަށް އެ ބޭނުންވާ މަދުދަނު ގިރުވައިގެންނެވެ. ކަލާކުރި އެލުމީނިއަމް ފައްޗަކީ ދިވެހިރާއްޖޭގައި ބޭނުންކުރަން އެންމެ ކަމުދާ އެކައްޗެވެ. އަދި ރާއްޖޭގެ އެކިއެކި ފަރާތްތަކުން ފަތި ތައް މާލެ ގެނެސް ކުޑަދޮރާއި ބޮޑަތި ދޮރުވެސް ޖަހަން ބޭނުންކުރެއެވެ. ކަލާކުރި އެލުމީނިއަމްފަތީގެ އާންމުކޮށް ލިބެންހުންނަ ކުލަތައް ވަރަަށް މަދެވެ. އެހެންވީމާ އިތުރު ކުލަކުލައިގެ އެލުމީނިއަމް ފަތި ބޭނުންވާނަމަ ޕައުޑަރކޯޓު ކޮށްފައިވާ އެލުމީނިއަމް ފަތި ހޯދަނީއެވެ. ޕައުޑަރ ކޯޓު ކުރުމުގައި ކަލާކުރި ފައްޗާއި ކަލާނުކުރާ ފަތިބޭނުންކުރެއެވެ.
ޕައުޑަރ ކޯޓު ކުރާގޮތަކީ އެލުމީނިއަމް ދޮރު ހެދުމުގެ ކުރިން އެހަދަން ބޭނުންކުރާ ފަތިތަކަށް ކަރަންޓު ދީގެން އޭގައި ޗާޖް އުފައްދާފައި ޕްލާސްޓިކު ހިކި ކުނޑި (ޕައުޑަރ) އެއަށް އަޅަނީއެވެ. އެހެން ހެދުމުން ފަތިގަނޑުގައި ހުންނަ ޗާޖުގެ ސަބަބަބުން ކުނޑިތައް ވަކި ބޯމިނެއްގައި އެލުމީނިއަމް ފަތިގަނޑުގެ ބޭރުފަށަލައަށް ފެތުރިގެން ދެއެވެ. އަދި އެ ހިކި ކުނޑިތައް އެލުމީނިއަމް ގައި ވަރަށް ވަރުގަދައަށް ހިފައެވެ. އެގޮތަށް ކުޑިތައް ފަތިތަކުގައި ހަރުލުމުން ދެން ކުރާކަމަކީ އެ ފަތިތަކަށް ވަކި މިންގަނޑެއްގައި ބަހައްޓައިގެން ހޫނުކުރުމެވެ. އެގޮތަށް ހޫނު ކުރަނީ އެކަމަށް ޚާއްސަ އުދުނެއް ބޭނުންކޮށްގެންނެވެ. މުޅި އެމަސައްކަތަށް އެކިޔަނީ ޕައުޑަރކޯޓު ކުރުމެވެ.
ޕައުޑަރކޯޓުކުރަން އާންމުގޮތެއްގައި ބޭނުންކުރަނީ ޕޮލިޔުރިތޭން އާއި، ޕޮލިޔުރިތޭން ރެސިންއާއި، އެޕޮކްސީ ރެސިންއާއި، ހައިޑްރޮކްސިލް ޕޮލިއެސްޓަރ ރެސިންއާއި، އެޕޮކްސިއާ ޕޮލިއެސްޓަރ އެއްކޮށްފައިހުންނަ ރެސިން އެވެ.
ރަނގަޅަށް ޕައުޑަރކޯޓުކޮށްފައި ހުންނަ އެލުމީނިއަމް ދޮރުގެ ފަތީގެ ދަވާދު ނުފޮޅި ގިނަދުވަހު ހުރެއެވެ. އަދި އެކި އެކި ކުލައިގާވެސް ޕައުޑަރކޯޓު ކުރެވެއެވެ. އަދި ގްލޮސް (އޮފު އަރާގޮތަށް) ، މެޓް (އޮފުނާރާ) ގޮތަށް ވެސް ކުރެވެއެވެ. ރަލް (RAL) ކުލަތަކުގެ ކޮޮންމެ ކުލައެއްގައިވެސް އެލުމީނިއަމް ފަތި ޕައުޑަރކޯޓު ކުރެވެއެވެ. އަދި މިދެންނެވި ފަދައަށް ޕައުޑަރކޯޓު ކުރާ ބޯމިންތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ދިމާވާ އެންމެ ބޮޑު މައްސަލައެއްކަމަށް ވަނީ ވަރަށް ގިނަދުވަސް ވުމުން ޕައުޑަރކޯޓުކުރުމުގައި ބޭނުންކުރި ކުލަ މަޑުމަޑުން ގެއްލެމުން ދާކަމެވެ. ފަނޑުވަމުން ދާކަމެވެ.
ޕީވީޑީއެފް (PVDF) ކޯޓުކުރުމަކީ އާދައިގެ ޕައުޑަރކޯޓުކުރުމާ ތަފާތު ކަމެކެވެ. ޕީވީޑީއެފް ކޯޓުކުރަން ބޭނުންކުރަނީ ޕޮލިވިނިލް އައިޑީން ފްލޮރައިޑާއި އެކްރިލިކް ރެސިން ބޭނުންކޮށްގެނެވެ. ޕީވީޑީއެފްކޯޓު ކޮށްފައި ހުންނަ އެލުމީނިއަމްގެ ކުލަ ނުވެއްޓި ކުލައިގެ ރީތިކަމުގައި ވަރަށް ގިނަދުވަހު ހުރެއެވެ. އަދި އެއީ ކެމިކަލް ޖެހުނަސް އެއަށް ނުގުޑާ އެއްޗެކެވެ.
ޕީވީޑީއެފްކޯޓު ކުރުމާ ޕައުޑަރކޯޓު ކުރުމުގެ ފަރަގުވާ ދެތިންޕޮއިންޓެއް ފާހަގަ ކޮށްލާނަމެވެ.
1، ޕީވީޑީއެފް ކޯޓަކީ ރެސިން މައްޗަށް ބިނާވާ ދިޔާ ދަވާދެއް ސްޕްރޭކޮށްގެން އުފައްދާ އެއްޗެކެވެ. އެހެން ނަމަވެސް ޕައުޑަރކޯޓަކީ އިލެކްޓްރޯ ސްޓެޓިކް ޕްރޯސެސް އަކުން އިލެކްޓްރިކަލް ޗާޖްކޮށްފައިވާ ހިކިކުނޑިއެއް އެލުމީނިއަމް އަށް ބުރުވައިގެން އުފައްދާ އެއްޗެކެވެ.
2. ޕީވީޑީއެފްކޯޓު ކުރުމަށް ހިނގާ ޚަރަދު ޕައުޑަރކޯޓު ކުރުމަށް ހިނގާ ޚަރަދަށްވުރެ ބޮޑުކަމަށްވެއެވެ.
3. ޕީވީޑީއެފް ކޯޓު ޕައުޑާރކޯޓަށްވުރެ ގިނަދުވަހު ހުރެއެވެ.
4. ޕައުޑަރކޯޓު އެލުމީނިއަމް ގައި ހިފާ މިންގަޑު ޕީވީޑީއެފް ކޯޓަށްވުރެ ގަދަ ކަމަށްވެއެވެ.
5. ޕައުޑަރކޯޓުކުރުމުގައި ހުރިހާ ކުލައެއް އުފެއްދެއެވެ. އަދި ބޭނުން އޮފުމިނެއްގައި ނުވަތަ އޮފުނާރަގޮތަށް އުފެއްދެއެވެ. އެހެން އާންމުގޮތެއްގައި ޕީވީޑީއެފްކޯޓުކުރުމުގައި އޮފުއަރާގޮތަށް ނޫފައްދައެވެ. އަދި ލިބެން ހުންނަނީވެސް ވަކި ކުލަތަކެކެވެ.
6. ޕީވީޑީއެފް ކޯޓު ކޮއްފައި ހުންނަ އަލުމީނިއަމަކީ ކަނޑާކައިރީގައި، ލޮނުވިއްސާ ހިސާބުގައި އިމާރާތްކުރާ ތަންތަނުގައި ބޭނުންކުރަން އެންމެ ކަމުދާ ކޯޓިން ސިސްޓަމެވެ. އެއީ އޭގެ ހުންނަ ކެމިކަލް ޖެހިގެން ނުގުޑާތީއެވެ. ޕައުޑަރކޯޓު ކޮށްފައި ހުންނަ ފަތި އަތްވާ ހޫނުގެ ސަބަބުން ގިނަދުވަސް ފަހުން ރެނދުލާގޮތްވެސް ވެއެވެ.