ކޮންކްރީޓު އުފެއްދުމަށް ސިމެންތިގަށާއިރު އަޅާ ކެމިކަލްތައް

0 min read

ކޮންކްރީޓު އުފެެއްދުމަށް އުވަދޯންޏަށް ސިމެންތިއާއ، ވެއްޔާއި، ހިލައާއި، ފެން އެޅުމުގެ އިތުރުން އެހެން ކެމިކަލް އަޅައެވެ. މިފަދަ ކެމިކަލް ތަކަށް ކިޔަނީ ކޮންކްރީޓު އެޑްމިކްސްޗަރ އެވެ.  އެ ފަދަ ކެމިކަލްތައް ކޮންކްރީޓު އުފައްދާއިރު އަޅަނީ އުފެދޭ ކޮންކްރީޓުގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ ބޭނުންވާ ގޮތަށް ކޮންކްރީޓު ބަދަލު ކުރުމަށެވެ. ބައެއްފަހަރު، ތެތް ކޮންކްރީޓު ނުހިކި ގިނައިރު ބެހެއްޓުމަށެވެ. އަނެއްބައިފަހަރު، ތައްގަނޑުގެ ތެރެއަށް ފަސޭހައިން ފައިބައިގެން ދާފަދަ ގޮތަކަށް ތެތް ކޮންކްރީޓު ދިޔާ ކުރުމަށެވެ. އަދި އުފެދޭ ހަރު ކޮންކްރީޓަށް ފެން ނުވަންގޮތް ހެދުމަށެވެ. އެގޮތުން އެއްކުރާ ބައެއް ކެމިކަލް ތަކަށް ކިޔާ ނަމާއެކު އެތަކެތިން ކޮށްދޭ ކަންތައްތައް ފާހަގަކޮށްލާނަމެވެ.

ހ. އެކްސަލަރޭޓަރސް ނުވަތަ ތެތް ސިމެންތިގަނޑު އަވަހަށް ހަރުކޮށްދިނުމަށް އެހީތެރިވާ ކެމިކަލްތައް.

އެކްސެލެރޭޓަރ  އެޑްމިކްސްޗަރ ކެމިކަލްގެ ބޭނުމަކީ ތެތް ކޮންކްރީޓު ހިކެން ނަގާ ވަގުތު މަދު ކުރުމެވެ. އެކަން ކުރަން ބޭނުންވަނީ އަވަހަށް އިމާރާތެއް ކޮށް ނިންމާލަން ބޭނުންނަމަ އަވަހަށް ތައްގަނޑު ފިލާތައް ނައްޓާލައި އާ ކޮންކްރީޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ކޮންކްރީޓު މަރާމާތު ކުރުމުގައި ވަރަށް ގިނަފަހަރު އެކި އެކި ސަބަބު ތަކާހުރެ ލިބޭ ވަގުތުކޮޅު މަދުވެއެވެ. އެހެންވެ ކޮންކްރީޓު މަރާމާތު ކުރުމުގައި އެކްސެލެރޭޓަރ ކެމިކަލް އަޅައިގެން ކޮންކްރީޓު ގަށަން ބޭނުންވާ ފަހަރު ގިނަކަމަށް ވެއެވެ.

އެކްސަލަރޭޓަރ އެޑްމިކްސްޗަރ ކެމިކަލްގެ އެންމެ ގިނަވައްތަރަކީ ކެލްސިއަމް ކްލޮރައިޑު ހިމަނައިގެން އުފައްދާފައި ހުންނަ ވައްތަރު ތަކެވެ. ނަމަވެސް ކެލްސިއަމް ކްލޮރައިޑުގައި ހުންނަ ކްލޮރައިޑަކީ ކޮންކްރީޓުގެ އެތެރޭގައި ހުންނަ ދަގަނޑަށް އެހާ ކަމުދާ އެއްޗަކަށް ނުވާތީ އެފަދަ ކެމިކަލް އެޅުމަށް ހުއްދަކުރާ މިންގަޑު ހުންނަނީ ނިސަބަތުން ގަށާ ކޮންކްރީޓުގެ %1 އާ %2 ދެމެދުއެވެ.

ށ. ރިޓާޑާރސް ނުވަތަ ތެތް ކޮންކްރީޓު ހަރުވުން ލަސްކުރާ ކެމިކަލްތައް.

ރިޓާޑާރ އެޑްމިކްސްޗަރ ކެމިކަލްގެ ބޭނުމަކީ ތެތް ކޮންކްރީޓު ހަރުވުމަށް ނަގާވަގުތު އިތުރު ކުރުމެވެ. އަދި އެފަދަ ގިނަ ކެމިކަލް ކޮށްދޭ އެހެން ކަމެއް އޮވެއެވެ. އެއީ ކޮންކްރީޓު ގެށުމަށް އުވަދޯންޏަށް އަޅާ ފެނުގެ މިންވަރު މަދުކުރުމެވެ. އެއީ އެ ގެށުމުގެ ތެރެއަށް ރިޓަރޑަރ ކެމިކަލް އަޅަން ހަމަޖެހިފައިވާނަމަ ފެން އަޅަން އޮންނަ މިންގަނޑަށްވުރެ މަދުން ފެން އެޅިޔަސް ކޮންކްރީޓަށް ކަމުދާނެއެވެ. މިފަދަ ބައެއް ކެމިކަލް ބޭނުކުރުމުން ފެން އަޅާ މިންވަރު %90 އަށްވެސް ތިރިކުރެވެއެވެ.

ރިޓާޑަރ އެޑްމިކްސަޗަރ ކެމިކަލް ނުވަތަ ތެތް ކޮންކްރީޓު ހަރުވުން ލަސްކުރާ ކެމިކަލް އެންމެ ގިނައިން ބޭނުންކުރަނީ ކޮންކްރީޓު ގަށައިގެން ލޮރީ ލޮރީ ގައި އެހެން ތަންތަނަށް ފޮނުވާއިރުއެވެ. ރެޑީމިކްސް ކޮންކްރީޓު ސައިޓު ތަކަށް ފޮނުވާއިރުއެވެ. މާލެ އާ ހުޅުމާލޭގައި  ކުންފުނިތަކުން ފޯރުކޮށްދޭ މިދެންނެވި ފަދަ ޚިދުމަތުގައި ރިޓާޑަރ ކެމިކަލް ބޭނުންކުރާކަމަށް ޚަބަރު ލިބެއެވެ.

ރިޓާޑަރ އެޑްމިކްސްޗަރ ކެމިކަލް އާންމުގޮތެއްގައި އުފައްދަނީ ލިގްނޯސަލްފޯނިކް އެސިޑާއި އޭގެ ލޮނާއި، ހައިޑްރޯޒައިލޭޓެޑް ކާރބޮކްސިލިކް އެސިޑާއި އޭގެ ލޮނާއި، އަދި އަލްފޮނޭޓެޑް މެލަމައިން ނުވަތަ ނެޕްތަލީން ފޯމްއަލްޑިހައިޑް އެވެ. އެފަދަ ކެމިކަލުގައި ސައިބޯނި ނުވަތަ އޯމޯ ފަދަ ގޮތެއް ހުރެއެވެ. އެ ފަދަ ކެމިކަލް ކުރާކަމަކީ ތެތް ކޮންކްރީޓުގެ އެތެރޭގައި ހުންނަ ފެން ސިމެންތިއާ އެކުވުމަށް ހުރަސް އެޅުމެވެ.

ނ. ޕްލާސްޓިސައިޒާރ އެޑްމިކްސްޗަރ ނުވަތަ ތައްގަނޑުގެ ތެރެއަށް ކޮންކްރީޓު ފަސޭހައިން ފެތުރުމަށް އެހީތެރިވާ ކެމިކަލްތައް.

ޕްލާސްޓިސިޒަރ އެޑްމިކްސްޗަރ ކެމިކަލް ކޮންކްރީޓު ގަށަމުން ދާއިރު އަޅައިފިނަމަ، އެ އުފެދޭ ކޮންކްރީޓު ދިޔާވާކަމަށް ފާހަގަކުރެވެއެވެ. އަދި ފަސޭހައިން ތައްގަނޑުގެ އެކި އެކި ދިމާއަށް ވަދެގެން ދެއެވެ. ދޭތެރެ ހަނިކޮށް ގިނަ ދަގަނޑު ލައްވާފައި ހުންނަ ކޮންކްރީޓު އުފައްދާއިރު ، ޕްލާސްޓިސައިޒަރ ކެމިކަލް އެޅުމުން އިތުބާރާއެކު ތައްގަނޑުގެ ހުރިހާ ހިސާބަކަށް ކޮންކްރީޓު ފެތުރޭނެކަމުގެ ކޮންމެވެސް މިންވަރެއް ޔަގީން ކަމެއް ލިބެއެވެ. ޕްލާސްޓިސައިޒާރގެ ބައެއް ކެމިކަލްތައް ސިމެންތިގަނޑާ އެއްކުރުމުން ގިނަ އަދަދެއްގެ ހަމަލޮލަށް ނުފެންނަވަރުގެ ބޮކިތަކެއް އުފައްދައެވެ. މި ބޮކިތަކުގެ ސަބަބުން ތެތް ކޮންކްރީޓު އިތުރަށް ދިޔާވާކަމަށް ފެނެއެވެ. އެކަމަކު އެއީ އިތުރު ފެން އެޅުމަކާ ނުލައެވެ.

ސަލްފޮނޭޓެޑް ލިގްނިން އިން އުފެއްދޭ ލޮނާއި، ފެޓީ އެސިޑާއި،  ސަލްފޮނޭޓެޑް ހައިޑްރޯކާބަން އިން އުފެެއްދޭ އޯގޭނިކް ލޮނު ފަދަ ތަކެއްޗާއި، ބެންޒިން ސަލްފޮނޭޓަކީ ޕްލާސްޓިސައިޒަރ އުފެއްދުމުގައި ބޭނުންކުރާ ކެމިކަލްތަކެވެ.

ޕްލާސްޓިސައިޒަރ  އެޑްމިކްސްޗަރ ކެމިކަލް ބޭނުންކުރުމުން ކޮންކްރީޓު އުފައްދަން އަޅާފެން މަދުކުރަން ޖެހެއެވެ. ގާތްގަނޑަކަށް %90 އަށެވެ.

ޕްލާސްޓިސައިޒަރ އެޑްމިކްސްޗަރ ކެމިކަލް ތަކުގެ ތެރޭގައި ހުންނަ ބައެއް ކެމިކަލް އެޅުމުން ތެތް ކޮންކްރީޓު ފެންފޮދެއްހެން ދިޔާވެ ދިމަ ދިމާއަށް ދާ ކެމިކަލް ތަކަށް ސުޕަރ ޕްލާސްޓިސައިޒާރ އެޑްމިކްސްޗަރ ގެ ނަމުން ނަންދީފައި ހުރެއެވެ. ސުޕަރ ޕްލާސްޓިސައިޒަރ އެޑްމިކްސްޗަރ ބޭނުންކުރުމުން ފެންއަޅަން ޖެހޭވަރު ވަރަށް މަދުވެއެވެ. އުފެދޭ ކޮންކްރީޓުގެ ބާރު ގަދަވެއެވެ. ޚަރަދު ކުޑަވެއެވެ.

ރ. ވޯޓަރޕްރޫފިންގ އެޑްމިކްސްޗަރ ނުވަތަ ކޮންކްރީޓް ހަރުވުމުން އެއަށް ފެން ނުވަންނާނެގޮތް ހަދާ ކެމިކަލްތައް.

ކޮންކްރީޓު ގަށަމުން ދާއިރު ވޯޓަރޕްރޫފިން އެޑްމިކްސަޗަރ އަޅައިފިނަމަ، އެ ކެމިކަލް ގޮސް ސިމެންތީގެ ބައެއް ބައިތަކާ ގުޅި އޯގެނިކް ލޮނުގެ ބާވަތެއް އުފައްދައި ކޮންކްރީޓުގެ ތެރޭގައި އާންމުގޮތެއްގައި އުފެދޭ ހޮރުތަކާއި ބޮކިއުފެދޭ ހުސްޖާގަތައް ފުރާލަދެއެވެ. އެހެން ވުމުން ކޮންކްރީޓުގެ އެތެރެއަށް ފެން ވަންނަ ގޮތަށް އުފެދޭ ލޯވަޅުތައް ވަރަށް ބޮޑުތަން މަދުވެގެން ދެއެވެ.

ވޯޓަރޕްރޫފިން އެޑްމިކްސޗަރ އުފައްދާފައި ހުންނަނީ އަލްކަލައިން ސިލިކޭޓާއި، ސޮޑާއާއި، އަލުމީނިއަމް އާއި، ޒިންކު ސަލްފޭޓުގެ ސިލިކޭޓް ތަކުންނާއި، އަލުމީނިއަމް އާއި ކެލްސިއަމްގެ ކްލޮރައިޑު ތަކުންނެވެ.

ވަރަށް ގިނަފަހަރަށް ވޯޓަރ ޕްރޫފިންގ އެޑްމިކްސްޗަރުގައި ގިނަފަހަރަށް ހިމެނޭ ކްލޮރައިޑުގެ ސަބަބުން  ކޮންކްރީޓު ހަރުވާލެއް އަަވަސްވެއެވެ. އެހެން ނަމަވެސް އެފަދަ ކެމިކަލްގައި ހުންނަ ކްލޮރައިޑަކީ ކޮންކްރީޓުގެ އެތެރޭގައި ހުންނަ ދަގަނޑާ އެހާ ރައްޓެހި އެއްޗަކަށް ނުވެއެވެ.

ބ. ތަފާތު އެހެނިހެން އެޑްމިކްސްޗަރ ކެމިކަލް ތައް.

ކޮންކްރީޓު ގަށާއިރު އަޅާ ބައެއް ކެމިކަލުން ކޮންކްރީޓުގެ އެތެރޭގައި ކުދިކުދި ބޮކިތަކެއް އުފެދި ބަރުދަން ލުއިވެއެވެ. އަދި އެ ކަމުގެ ސަބަބުން ތެތް ކޮންކްރީޓް ހަރުވުމުން ކޮޑިމަދުވާ މިންވަރު ދައްކޮށްދެއެވެ. ޝްރިންކޭޖް ދަށްކޮށްދެއެވެ.

ކޮންކްރިޓަށް އެއްވެސް އިތުރު ކެމިކަލެއް ނާޅާ އެގޭ އަސްލުގައި ހުންނަ އިރު ކޮންކްރީޓުގެ އެތެރޭގައި ހުންނަ މާހައުލުގައި ހުންނަނީ ފެނަށްވުރެ އަލްކަލައިން ގޮތަކަށެވެ. އަދި އަލްކަލައިން މާހައުލުގެ ސަބަބުން ކޮންކްރީޓުގެ އެތެރޭގައި ހުންނަ ދަގަނޑު ދަބަަރު ޖެހުމުން ހިމާޔަތް ކޮށްދެއެވެ. ސޮޑިއަމް ބެންޒޮނޭޓް ކެލްސިއަމް ސަލްފޮނޭޓް، ސޮޑިއަމް ނައިޓްރޭޓް ފަދަ އެއްޗެއްސަކީ ކޮންކްރީޓުގެ އެތެރޭގައި ލައްވާފައި ހުންނަ ދަގަނޑު ދަބަރު ޖެހުމުން ހިމާޔަތް ކުރާ ކެމިކަލްތައް ކަމަށް ބެލިފަވެއެވެ.

ކޮންކްރީޓުގައި ދަވާދާއި ކުލަ ލުމުގެ ބަދަލުގައި އުފެދޭ ކޮންކްރީޓުގައި ކުލަ ހުންނަ ގޮތަށް ގަށާ ކޮންކްރީޓަށް ކެމިކަލް އެއް އަޅައިގެން ގެށުމަކީވެސް ކުރާކަމެކެވެ. އެ ގޮތުން، ބްރައުން އަޔަން އޮކްސައިޑު އަޅައިފިނަމަ އުފެދޭ ކޮންކްރީޓް ހުންނާނީ މުށިކުލައިގައެވެ. ރެޑް އަޔަން އޮކްސައިޑު އަޅައިގެން ކޮންކްރީޓު ގަށައިފިނަމަ އުފެދޭ ކޮންކްރީޓު ހުންނާނީ ރަތް ކުލައިގައެވެ.

ކޮންކްރީޓުގައި ފޫ ނުވަތަ ފަންގަސް ޖަހައެވެ. އެފަދަ ފޫޖެހުމުން ހިމާޔަތް ކުރުމަށްޓަކައި ޕޮލި ހެލޮޖަނޭޓެޑް ފީނޯލް، ޑައެޑްރިން އިމަލްޝަން އަދި ލޯ ހިމެނޭ ބައެއް ކެމިކަލް އަޅައިގެން އެންޓީ ފަންގަލް އެޑްމިކްސްޗަރ  އުފައްދައި އެއީ ކޮންކްރީޓުގައި ފޫ ޖެހުމުން ދުރުހެލި ކުރާ ކެމިކަލް ގޮތުގައި ފާހަގަކުރެވިފައި ހުރެއެވެ.

މިދެންނެވި ކެމިކަލް ތަކުގެ އިތުރުންވެސް އެކި އެކި ކަންކަން ކުރުމަށް އެޑްމިކްސްޗަރ އުފައްދާފައި ހުރެއެވެ. ކޮންމެ ކެމިކަލް އެޅުމުގައިވެސް އަޅަންޖެހޭ މަދު މިންވަރަށް ބެލުން މުހިއްމެވެ. އެއީ އަޅާ ކޮންމެ ކެމިކަލަކުން ވެސް ކޮންކްރީޓުގެ އަސްލާ ކުޅޭތީއެވެ.

You May Also Like

More From Author