ބިންގާ ބެރިއަށް ދާނެ ތަކެތި އަންދާޒާކުރާނެ ގޮތް

1 min read

ފައުންޑޭޝަންބީމް ނުވަތަ ބިންގާބެރިއަކަށް ދާނެ ތަކެތި އަންދާޒާ ކުރެވިދާނެގޮތެއް ލިއެލާނަމެވެ. މި ލިއުމުގައި ވާގޮތަށް ހިސާބުތައް ދިމާވާނީ މި ލިއުމުގައި ބޭނުންކުރި ބާވަތުގެ ބެރިއެއްގެ ހިސާބު ކުރާނަމައެވެ.

ހިސާބުކުރާ ބެރީގެ އުސްމިނަކީ 300 މިލިމީޓަރެވެ. ފުޅާމިނަކީ 200 މިލިމީޓަރެވެ. ދިގުމިނަކީ 3500 މިލިމީޓަރެވެ. ތަފްސީލު ސެކްޝަން ކުރެހުމަށް ބަލާއިރު ފުޅާމިނާ އުސްމިނުގެ އިތުރުން ދަގަނޑު ލައްވަންވީ ގޮތްވެސް ސާފުވެއެވެ.

ބެރިއަށް ދަގަނޑު ލައްވަން ޖެހޭގޮތުގެ ތަފްސީލު ކުރެހުން ތިރީގައި އެވަނީ އެވެ.


ބެރީގެ ތަފްސީލު ސެކްޝަނުގައި ވާގޮތުން 16 މިލިމީޓަރު ވަށަމިނުގައި ހުންނަ 4 ދަގަނޑު، މައްޗަށް 2 ދަގަނޑު ތިރިއަށް 2 ދަގަނޑު ލެއްވުމަށް ދައްކާފައި އެބަހުއްޓެވެ. މިބުނި ދަގަނޑުގެ ވައްތަރު ބަޔާންކޮށްފައި ވަނީ  އިގިރޭސި އަކުރު ‘T’ އެއް ބޭނުންކޮށްގެން ކަމަށް ވާތީ އެއީ  “އެބުރި” ދަގަނޑެވެ. ދެންމެ ބުނި 4 ދަގަނޑު ހިފެހެއްޓުމަށް ރިންގު ދަގަޑު ލެއްވުމަށް ދާއްކާފައިވަނީ 6 މިލިމީޓަރު ވަށަމިނުގެ ދަގަޑުންނެވެ. ރިންގު ދަގަނޑުގެ ހުރީ ‘R’ ބޭނުންކޮށްފައި ކަމަށްވާތީ ރިންގު ހަދަންޖެހެނީ މަޑު ދަގަނޑެވެ. ރިންގު ދަގަޑު އަތުރަންވީ ދުރުމިނަކީ ދެރިންގު ދޭތެރޭ 150 މިލިމީޓަރު ނުވަތަ ހުންނަ ވަރަށެވެ.

ބިންގާބެރީގެ ހިސާބު ހަދާއިރު ފުރަތަމަ ހިސާބުކުރަން ބޭނުންވަނީ ބިންގާބެރި އެޅުމުގެ ކުރިން އަޅާބިންގާ ތަޅުން ނުވަތަ  ލީން ކޮންކްރީޓް  ގެ ހިސާބެވެ.

ހ. ބިންގާބެރީގެ  ކޮންކްރީޓު ތަޅުމަށް ( ލީން ކޮންކްރީޓަށް) ތަކެތި ދާނެވަރު

ބިންގާބެރީގެ ތަޅުން ބިންގާބެރިއަށްވުރެ ފުޅާކުރަންޖެހޭނެއެވެ. ބިންގާބެރީގައި 200 މިލިމީޓަރު ހުންނަނަމަ، ބިންގާބެރީގެ ތަޅުމުގައި ގާތްގަނޑަކަށް 350 މިލިމީޓަރު ނުވަތަ 400 މިލިމީޓަރު ބަހައްޓަންވާނެއެވެ. އެއީ މަސައްކަތް ކުރަން ފަސޭހަވާގޮތަށެވެ. މި މިސާލުގައި ބިންގާބެރީގެ ތަޅުމުގެ ފުޅާމިނަކީ 350 މިލިމީޓަރު ކަމަށް ބަލާނަމެވެ. ބިންގާބެރީގެ ތަޅުމުގެ އާންމު ބޯމިނަކީ 50 މިލިމީޓަރެވެ. ވީމާ ބިންގާބެރީގެ ތަޅުމުގެ ކޮޑިއަކީ 50 ގުނަ 350 ގުނަ 3500 އެވެ. އެ އަދަދުތައް ހުރިގޮތަށް ގުނަކުރުމުން ލިބޭނީ ކޮޑި މިލިމީޓަރުންނެވެ. އެ ލިބުނު ޖަވާބު 1000 މިލިމީޓަރުން ތިންފަހަރު ގެއްލީމަ ލިބޭނީ ކޮޑި މީޓަރެވެ. ލިބެނީ 0.0612 ކޮޑި މީޓަރެވެ. 1:3:6 އަށް ކޮންކްރީޓު ގަށާކަމަށް ވަންޏާ ކޮންމެ ކޮޑި މީޓަރަކަށް ޖެހެނީ، 4.5 ކޮތަޅު ސިމެންތިއާއި، 16 ބަސްދާ ވެއްޔާއި، 27 ބަސްދާ ހިލައެވެ. ވީމާ 0.0612 ކޮޑިމީޓަރަށް ބޭނުންވާނީ 1/2 ކޮތަޅު ސިމެންތިއާ، އެކެއް ބައި ބަސްދާ ވެއްޔާއި، 3 ބަސްދާ ހިލައެވެ.

ށ. ބިންގާ ބެރިއަށް ތަކެތި ދާނެ ވަރު

ބިންގާ ބެރީގެ ކޮންކްރީޓުގެ ކޮޑިއަކީ 200 ގުނަ 350 ގުނަ 3500 އެވެ. އެއީ 0.245 ކޮޑި މީޓަރެވެ. އާންމު ގޮތެއްގައި ބިންގާ ބެރީގެ ކޮންކްރީޓު ގަށަނީ 1:2:3 އަށެވެ. އެ ގޮތަށް ގަށާ ކަމަށް ވާނަމަ، ކޮންމެ ކޮޑިމީޓަރަކަށް ޖެހޭނީ  8 ކޮތަޅު ސިމެންތިއާ 15 ބަސްދާ ވެއްޔާ 23 ބަސްދާ ހިލައެވެ. ވީމާ 0.245 ކޮޑި މީޓަރު އުފައްދަން ބޭނުންވާނީ 2 ކޮތަޅު ސިމެންތިއާ 4 ބަސްދާ ވެއްޔާއި 6 ބަސްދާ ހިލައެވެ.

ނ. ބޭނުންވާނެ ދަގަނޑުގެ ތަފްސީލު

ބެރިއާ އެއްސީދަލަކަށް ލައްވާފައި ހުރި 16 މިލިމީޓަރުގެ ވަށަމިނުގައި ހުންނަ އެނބުރި ދަގަނޑެވެ. އެނބުރި ދަގަނޑު ގެންނަނީ 6 މީޓަރު ހުންނަ ދަގަނޑެވެ. ބެރީގެ ދިގު މިނަކީ 3.5 މީޓަރެވެ. ބެރީގެ ދެކޮޅުގައިވެސް މައި ދަގަނޑު ހުންނަންޖެހެނީ ލަންބާލާފައެވެ. އެ ލެނބުމުގެ ބޮޑުމިނަކީ 150 މިލިމީޓަރު ކަމަށް ބަލައި، ކޮންކްރީޓުގެ ކަވަރަކީ 30 މިލިމީޓަރު ކަމަށް ބަލައިފިނަމަ ބެރީގެ ދިގުމިނަށް ލައްވާ ދަގަނޑުގެ ތެދު ދިގުމިނަކީ 3750 މިލިމީޓަރު ( 3.75 މީޓަރު) އެވެ. 6 މީޓަރުގެ ދަގަނޑަކުން 3.75 މީޓަރު ނެގީމަ ބާކީ އޮންނާނީ 2.250 މީޓަރެވެ. އެހެންވީމާ 3 ދަގަނޑުން ފުދޭނެއެވެ. ބާކީ ވާ 3 ބުރީގެ ތެރެއިން 2 ބުރި ބޭނުންކޮށްގެން ފައްތަރު ކޮށްގެން 1 ދަގަނޑު ލައްވާނީއެވެ. ފައްތަރުގައި ބަހައްޓަން ޖެހެނީ 45 ގުނަ 16  އަށް އަންނަ 720 މިލިމީޓަރެވެ.

ރިންގު ދަގަނޑު ހިސާބު ކުރާއިރު ކަވަރުގެ ބޮޑުމިނަކީ 30 މިލިމީޓަރު ކަމަށް ވަންޏާ ބެރީގެ ފުޅާމިނުންނާއި އުސްމިނުގެ ކޮންމެ ބިތަކުން 30 މިލިމީޓަރު ކެނޑުމުން ލިބޭ 140 މިލިމީޓަރާ 240 މިލިމީޓަރަކީ ރިންގުގެ ފުޅާމިނާ އުސްމިނެވެ. އެހެންވީމާ ރިންގެއްގެ ދިގުމިނަށް ޖެހޭނީ 140+140+240+240 އެވެ. އެއީ 760  މިލިމީޓަރެވެ. އެ އަދަދަށް ކޮންމެވެސް ވަރެއް އިތުރުކުރަންޖެހެއެވެ. އެއީ ލެންބުމަށާއި، އަދި ހިންގު ފުރިހަމަ ވެފަ އިތުރަށް ތަންކޮޅެއް ހުންނަން ޖެހޭތީއެވެ. އެހެންވީމާ 150 އިތުރުކޮށް ކޮންމެ ރިންގެއް ހެދުމަށް ބޭނުންވާނީ 910 މިލިމީޓަރ ކަމުގައި ބަލާނަމެވެ.

ރިންގު އަތުރާފައި ހުންނަން ޖެހެނީ 150 މިލިމީޓަރުގެ ދުރުމިނުގައެވެ. އެހެންވީމާ ބެރީގެ ދިގުމިނުން އަތުރަން ޖެހޭ ދުރުމިން ގެއްލާލީމަ އެއީ (3500 ގެއްލަން 150) ލިބޭ 23 އަށް 1 އެއްކުރުމުން ލިބޭ 24 އަކީ ރިންގު ބޭނުންވާނެ އަދަދެވެ. ރިންގެއްގެ ދިގުމިނަކީ 910 މިލިމީޓަރެވެ. 24 ގުނަ 910 ހެދީމަ އަންނާނީ ހުރިހާ ރިންގު ތަކުގެ ޖުމްލަ ދިގުމިނެވެ. އެއީ 21،840 މިލިމީޓަރު ނުވަތަ 21.84 މީޓަރެވެ. ރިންގު ހެދުމަށް ބޭނުންކުރާ 6 މިލިމީޓަރު ވަށަމިނުގެ ދަގަނޑުވެސް ބާޒާރުގައި ލިބެން ހުންނަނީ 6 މީޓަރުގެ ދިގުމިނުން ކަމަށް ވާނަމަ 21.84 ގެއްލަން 6 ހެދީމަ އަންނަ 3.64 އަށް ކޮންމެވެސް ވަރެއް އިތުރުކޮށް 5 ދަގަނޑު ހޯދީމަ ފުދޭނެއެވެ.    

 

You May Also Like

More From Author